
އަލް ޚަލީޖް އިން ހަދިޔާކުރި ލަނޑާއެކު އަލް ހިލާލް އިން ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި
# ސައުދީ ޕްރޮފެޝަނަލް ލީގު# އަލް ހިލާލް # އަލް ޚަލީޖް# ބޭރު ދުނިޔޭގެ ކުޅިވަރުއަލް ޚަލީޖް އާއި އަލް ހިލާލް ވާދަކުރި މެޗުގެ ތެރެއިން..
ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އަލް ޚަލީޖް އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ހިލާލް އިން އެއްވަނައިގައި އޮތް އަލް ނަސްރު އާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ލީގުގައި އަލް ހިލާލް އެންމެ ފަހުން ކުޅުނު މެޗުގައި އަލް ހަޒެމް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އަލް ޚަލީޖް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ޑަމަކް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ހިލާލް އިންނެވެ.
ދަމްމާމްގެ ޕްރިންސް މުހައްމަދު ބިން ފަހުދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް ޚަލީޖް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނޯވޭ ފޯވާޑް ޖޯޝުއާ ކިންގް އެވެ. އަދި މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ކިންގް ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.
އަލް ހިލާލް އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ މިޑްފިލްޑަރު ޖާރްޖް މިލިންކޮވިޗް ސަވިޗް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އަލް ހިލާލް އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިމެޗުން އެޓީމު މޮޅުވި ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ސުލްޠާން މަންޑޭޝް އެވެ. މިއީ އަލް ޚަލީޖްގެ ކުޅުންތެރިއަކު އެޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ކީޕަރަށް ޖައްސާލި ބޯޅައެއްގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ. އަދި މިނަތީޖާއެކު ލީގުގައި ކުޅުނު 31 މެޗުން އަލް ހިލާލަށް 77 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް އަލް ނަސްރާއި އެޓީމާއި ދެމެދުގައި މިވަގުތު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ. އަދި މިމެޗުން ބަލިވި އަލް ޚަލީޖް އިން ލީގުގައި ކުޅުނު 31 މެޗުން ހޯދި 37 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 11 ވަނައިގައެވެ.
ގުޅުންހުރި

ފޯޑެން މެންޗެސްޓާ ސިޓީގައި އިތުރު ހަތަރު އަހަރު މަޑުކުރަން އެއްބަސްވެއްޖެ

އަލް ޚަލީޖް އިން ހަދިޔާކުރި ލަނޑާއެކު އަލް ހިލާލް އިން ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި

މެޗަކުން ބަލިނުވެ އާސެނަލް ޗެމްޕިއަންސް ލީގު ފައިނަލުން ޖާގަ ހޯދައިފި




