
މެޗަކުން ބަލިނުވެ އާސެނަލް ޗެމްޕިއަންސް ލީގު ފައިނަލުން ޖާގަ ހޯދައިފި
# ޕީއެސްޖީ# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގު# އާސެނަލްއާސެނަލް އާއި އެތްލެކިޓޯ މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ޗެމްޕިއަންސް ލީގު ސެމީފައިނަލް ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން މޮޅުވެ އާސެނަލް އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސެމީފައިނަލްގެ ފުރަތަމަ ލެގުގައި މިދެޓީމު އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު. އާސެނަލް ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
އާސެނަލްގެ އެމިރޭޓް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ އެތްލެޓިކޯގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި އާސެނަލް އިން މެޗުގެ ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ބަކަޔޯ ސަކާއެެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެތްލެޓިކޯ މެޑްރިޑުން ކުޅުން ރަނގަޅުކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު 2006 ފަހުން ފުރަތަމަ ފަހަރަށް އާސެނަލް ޗެމްޕިއަންސް ލީގު ފައިނަލުން ޖާގަހޯދިއިރު، މިފަހަރުގެ މުބާރާތުގައި އެޓީމު ކުޅުނު 14 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފައިވާއިރު އަނެއް ތިން މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި މިމުބާރާތުގައި އަމިއްލަ ދަނޑުގައި އާސެނަލް އެންމެ ފަހުން ކުޅުނު 25 މެޗުގެ ތެރެއިން 18 މެޗުން މޮޅުވެ ހަ މެޗު އެއްވަރުވެފައިވާއިރު، އެޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.
މުބާރާތުގެ ފައިނަލުގައި އާސެނަލް ވާދަކުރަން ޖެހޭނީ މިރޭ ކުޅޭ ސެމީފައިނަލްގެ ދެވަނަ މެޗުގައި ބާޔަން މިޔުނިކާއި ޕީއެސްޖީ ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 5-4 ގެ ނަތީޖާއަކުން ޕީއެސްޖީ އިން ކާމިޔާބުކޮށްފައިވާއިރު، މިރޭގެ މެޗު އެއްވަރުކޮށްގެން ވެސް ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.
ގުޅުންހުރި

އަލް ޚަލީޖް އިން ހަދިޔާކުރި ލަނޑާއެކު އަލް ހިލާލް އިން ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި

މެޗަކުން ބަލިނުވެ އާސެނަލް ޗެމްޕިއަންސް ލީގު ފައިނަލުން ޖާގަ ހޯދައިފި

އެވަޓަން އާއި އެއްވަރުވެ ސިޓީއަށް ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލިއްޖެ




