
-
މިފްކޯގެ މަހުގެ އުފެއްދުންތައް ސްރިލަންކާގައި ތަޢާރަފްކޮށްފިއެވެ.

މި ތަކެތި ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިއަދު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމަނިކުފާނު އެވެ.
މި ރަސްމިއްޔާތުގައި މިފްކޯގެ މަހުގެ އުފެއްދުންތައް ލަންކާއަށް ތަޢާރަފުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މިފްކޯއިން ސްރީލަންކާގައި އިފްތިތާޙްކޮށްފައިވާ ތަކެތީގެ ތެރޭގައި އެ ކުންފުނީގެ ފަސްމީރު ބްރޭންޑްގެ ވަޅޯމަހާއި އެކި ބާވަތްތަކުގެ މަސްދަޅުގެ އިތުރުން ރިހާކުރާއި ޕެކްޓްގައި ބަންދުކޮށްފައި ހުންނަ މުގުރި މަސް ހިމެނެއެވެ.
ލަންކާގައި މިފްކޯގެ މަހުގެ އުފެއްދުންތައް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ޓްރޭޑް ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލެޕްމަންޓް ވަސަންތާ ސަމަރަސިންގެ އާއި ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯންގެ ސީއީއޯ ޒުރައިޝް ޙާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ.






