
-
މިދިޔަ އޭޕްރީލް މަހު މަސްވެރިންނަށް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ދޫކޮށްފިއެވެ.

މިފްކޯ އިން އާންމުކޮށްފައިވާ އޭޕްރީލް މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ޖުމްލަ 1،068 ދޯންޏަކުން 4،414 ޓަނުގެ މަސް މިފްކޯއަށް ކިރުވާފައިވެއެވެ. އަދި މި މަހަށްވާ ފައިސާގެ ގޮތުގައި ޖުމްލަ 78،778،405 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.
މިފްކޯއިން ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު، 781 މަސްދޯންޏަކުން 4146 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، 77،660.455 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މުޅި ޖުމްލަ ދޫކުރި ފައިސާގެ އެންމެ ބޮޑު އިންސައްތައެވެ.
91 ދޯންޏަކުން 5.78 ޓަނުގެ ކަންނެލި (10 ކިލޯއިން މަތި) ކިރުވާފައިވާއިރު 115،600.00 ރުފިޔާ ދޫކޮށްފައިވެއެވެ. އަދި 196 ދޯންޏަކުން 40 ޓަނުގެ ކަންނެލި (15 ކިލޯ އިން މަތި) ކިރުވާފައިވާއިރު 1،002.350 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ. މީގެއިތުރަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.






