logoEN
WAMCO TOP 1
އެވަޓަން އާއި އެއްވަރުވެ ސިޓީއަށް ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލިއްޖެ

އެވަޓަން އާއި އެއްވަރުވެ ސިޓީއަށް ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލިއްޖެ

ހަސަން ޝަމްއޫން

logo

5/4/2026, 10:40:00 PM

# އެވަޓަން# އިނގިރޭސި ޕްރެމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާރ ސިޓީ

މެންޗެސްޓާ ސިޓީ އާއި އެވަޓަން ވާދަކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި އެވަޓަން އާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުން އެއްވަރުވެ މެންޗެސްޓާ ސިޓީއަށް ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ.

THE TRAVELLER AD

ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ބާންލީ އަތުން މޮޅުވެފައިވާއިރު، ލީގުގައި އެވަޓަން އެންމެ ފަހުން ކުޅުނު މެޗުގައި ވެސްޓްހަމް އަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އިންނެވެ.

ލިވަޕޫލްގެ ހިލްޑިކިންސަން ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސް އެޓީމުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ސިޓީއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ޖެރަމީ ޑޮކޫ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އެވަޓަން އިން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 68 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް ތިއެރްނޯ ބެރީ ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ޑިފެންޑަރު ޖޭކް އޯބްރެއަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.

އެވަޓަން އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކުރި ބެރީ އެވެ. ނަމަވެސް އޭގެ ދެމިނެޓް ފަހުން ސިޓީގެ ހާލަންޑް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި ސިޓީ އިން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑޮކޫ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 34 މެޗުން މެންޗެސްޓާ ސިޓީއަށް 71 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 35 މެޗުން ހޯދި 48 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެވަޓަން މިވަގުތު އޮތީ ތާވަލުގެ 10 ވަނައިފައެވެ.

ކޮމެންޓް
ފަހުގެ
HDC