
އިރާނުން ދޭން ފެށި ކުއްލި ހަމަލާތަކާއިއެކު ދުބާއީ އަދި ޝާރްޖާގެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފި
# އިރާން-
އިރާނުން މިރޭ ކުއްްލި ގޮތަކަށް ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށް ދޭން ފެށި ހަމަލާތަކާއިއެކު ވައިގެދަތުރުފަތުރުގެ މައި ދެ ސިޓީތަކަށްވާ ދުބާއީ އަދި ޝާރްޖާގެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޔޫއޭއީއަށް މިރޭ އަމާޒުވި ހަމަލާތަކާއި ގުޅިގެން ދުބާއީ އެއާޕޯޓަށާއި ޝާރްޖާ އެއާޕޯޓަށް ޖައްސަން މަސައްކަތްކުރި ބައެއް ފްލައިޓުތައް ވަނީ އެގައުމުގެ ވައިގެ ސަރަހައްދު އާންމު ހާލަތަށް ގެނެވެންދެން ހޯލްޑް ކޮށްފައެވެ.
ވައިގެދަތުރުފަތުރުތައް މޮނީޓާ ކުރާ ވެބްސައިޓުތަކުގެ ޑާޓާތަކަށް ބަލާއިރުވެސް ގިނަ ފްލައިޓުތަކެއް ދަނީ ޔޫއޭއީގެ ވައިގެ ސަރަހައްދުގައި ހޯލްޑިންގ ޕޮޒިޝަންގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުންވެސް އެންމެ ގިނަ ފްލައިޓުތަކަކަށް ބުރޫއަރާފައިވަނީ ދުބާއީ ސަރަހައްދުގައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޔޫއޭއީގެ ފުޖެއިރާ ޕެޓްރޯލިއަމް ސައިޓަކަށް އިރާނުގެ ޑްރޯން ހަމަލާއެއް އަމާޒުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި އެވެ. ހަމަލާގައި ޕެޓްރޯލިއަމް ސައިޓަށް ލިބުނު ގެއްލުންތައް ކަމަށް ބެލެވޭ ފޮޓޯތަކެއް މިހާރު ދަނީ ދައުރުވަމުންނެވެ. އޭގެ ތެރޭގައި ހަމަލާއާއި ގުޅިގެން އެސައިޓުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ކަޅު ދުންތަކެއް މުޅި ސަރަހައްދަށް ފަތުރެމުންދާ މަންޒަރުތައް ފެންނަ ފޮޓޯތަކެއް ވެސް ހިމެނެއެވެ.
މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް އިރާނުން ރަސްމީކޮށް ބަހެއް ބުނެފައި ނުވެއެވެ.
މި ހަމަލާދިންތާ އިރުކޮޅެއް ފަހުން ޔޫއޭއީގެ ދިފާއީ ވުޒާރާއިން ވަނީ އިރާނުން ފޮނުވާލި މިސައިލްތަކަކަށާއި ޑްރޯންތަކެއް ހުއްޓުވުމަށް އެގައުމުގެ ދިފާއީ ނިޒާމުތަކުން މަސައްކަތްކުރަމުންދާކަން ހާމަކޮށްފައެވެ. އެގޮތުން މިހާތަނަށް ތިން ހަމަލާއެއް ކާމިޔާބުކަމާއިއެކު ހުއްޓުވާފައިވާކަން ޔޫއޭއީގެ ދިފާއީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އިރާނުން ކުއްލި ގޮތަކަށް ޔޫއޭއީއަށް ހަމަލާތަކެއް ދޭން ފެށި ސަބަބެއް ސާފުވެފައިނުވާއިރު އެމެރިކާއިން ހޯރްމޫޒް ކަނޑުއޮޅީގައި އިރާނަށް ދަތިކުރުމަށް އަޅަމުންދާ އަސްކަރީ ފިޔަވަޅުތަކާއިއެކު އިރާނުން ވަނީ އެމެރިކާއަށް ހަމަލާތައް ދޭނެކަމުގެ ނުސީދާ އިންޒާރުވެސް ދީފައި އެވެ.
ޔޫއޭއީއަކީ އެމެރިކާގެ އަސްކަރީ ބޭސްއެއް ހުންނަ ގައުމަކަށް ވާއިރު މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިރާނާއި އިސްރާއީލް އަދި އެމެރިކާއާއި ދެމެދު ފެށި ހަނގުރާމާގައި އިރާނުގެ ވަރުގަދަ ހަމަލާތަކެއް މީގެ ކުރީންވެސް ވަނީ ޔޫއޭއީއަށް އަމާޒުވެފައި އެވެ.
ގުޅުންހުރި

އިރާނުން ދޭން ފެށި ކުއްލި ހަމަލާތަކާއިއެކު ދުބާއީ އަދި ޝާރްޖާގެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފި

ޔޫއޭއީގެ ފުޖެއިރާގައި ހުންނަ ޕެޓްރޯލިއަމް ސައިޓަކަށް އިރާނުން ދިން ހަމަލާގައި ތިން މީހަކު ޒަހަމްވެއްޖެ

އިރާނުން ފޮނުވާލި މިސައިލާއި ޑްރޯންތަކެއް އަމާޒުވުމާއި ގުޅިގެން ޔޫއޭއީ އެލާޓަށް!




