logoEN
WAMCO TOP 1
ވިނީގެ ދެލަނޑާއެކު އެސްޕަނިއޯލް އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ވިނީގެ ދެލަނޑާއެކު އެސްޕަނިއޯލް އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

5/4/2026, 6:09:08 AM

# ރެއާލް މެޑްރިޑް# ބޭރު ދުނިޔޭގެ ކުޅިވަރު# އެސްޕަނިޔޯލް

އެސްޕަނިއޯލް އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން..

ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި އެސްޕަނިއޯލް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.

THE TRAVELLER AD

ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ރެއާލް ބެޓިސް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލީގުގައި އެސްޕަނިއޯލް އެންމެ ފަހުން ކުޅުނު މެޗުގައި ލެވާންޓޭ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީިޖާއަކުން ކާމިޔާބުކުރީ އެސްޕަނިއޯލް އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ އެސްޕަނިއޯލް އިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ.

މީގެ އިތުރުން ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވިނީޝިއަސް އެވެ. އަދި މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 33 މެޗުގައި އޭނާ ކާމިޔާބުކުރި 15 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 34 މެޗުން ރެއާލް މެޑްރިޑަށް 77 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އެސްޕަނިއޯލް އިން ލީގުގައި ކުޅުނު 34 މެޗުން ހޯދި 39 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ.

ކޮމެންޓް
ފަހުގެ
HDC