
-
ތ. ވޭމަންޑުއާއި ބުރުނީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައިފިއެވެ.

މި ދެ އޮޕަރޭޝަންގެ ތެރެއިން ބުރުނީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެޕްރީލް 30 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި، ބުރުނީ ބަނދަރު ސަރަހައްދުގައި ވެރިއަކު ނެތި ބަހައްޓާފައި ހުރި ފޮށިގަނޑެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 11 ގުރާމެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފަައެއް ނުވެއެވެ.
ވޭމަންޑޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެޕްރީލް 29 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި، މީހަކު ހުއްޓުވައިބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުުކުރުމަށް ފަހު އޭނާ ވަނީ ދޫކޮށްލާފައެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.






