
މޭޔަރު އާޒިމަށް ހަމަލާދޭން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
# ފުލުހުން# އާދަމް އާޒިމް# މާލެ ސިޓީ މޭޔަރުމޭޔަރު އާޒިމަށް މަގުމަތިން ހަމަލާދޭން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހާ- ފޮޓޯ: ފުލުހުން
މާލެ ސިޓީ މޭޔަރު އާދަމް އާޒިމަށް މަގުމަތިން ހަމަލާދޭން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަބްދު ﷲ މުޢާޒް/ ގ. އީރީ (35އ) ކަމަށެވެ.
އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މޭޔަރު އާޒިމަށް މާލޭގެ މަގުމަތިން ހަމަލާދޭން މަސައްކަތް ކުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ. އަދި މަންޒަރުތަކުން ފެންނަ ގޮތުގައި މީހަކު މޭޔަރު އާޒިމަށް ހަމަލާދޭން މަސައްކަތް ކުރުމުން އެވަގުތު މޭޔަރުގެ އަރިހުގައި ތިބި މީހުން ވަނީ އޭނާ ހުއްޓުވާފަ އެވެ.މި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަމަލު ހަރުކަށީ އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.
ރައީސްގެ ފަރާތުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަމުންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އަރުއްވާ ކަމަށް ވިދާޅުވި އެވެ.






