
ޖެޓް ފިއުލްގެ އަގުހެޔޮ ކޮށްފި
# ދަތުރުފަތުރާއި އެތެރޭގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން# އެމްއޭސީއެލް# ޖެޓް ފިއުލްޖެޓް
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ވިއްކާ ޖެޓް ފިއުލްގެ އަގުހެޔޮކޮށްފި އެވެ.

އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން އަގުތައް އުފުލެމުންދާއިރު، އެންމެ ބޮޑުކޮށް އަގު އުފުލިގެން ދިޔައީ ތެލުގެ އަގެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރާއްޖޭގައި ޖެޓް ފައުލްގެ އަގު ލީޓަރެއް 1.99 ޑޮލަރަށް އުފުލިގެންދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުންތަކެއްއައި ކަމެއް ކަމަށެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު އެކަމަށް ހެޔޮ ބަދަލެއް ގެނެސް، މިހާރު ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.75 ޑޮލަރަށް ވިއްކަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ސަރުކާރުން ވަރަށް ބޮޑަށް އެމްއޭސީއެލްއާ އެކީގައި މަސައްކަތް ކުރައްވައިގެން ޕާ ލީޓަރަކުން 24 ސެންޓް ތިރި ކުރެވިފައިވަނީ." މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މިވަގުތު ފަތުރުވެރިން އަންނަ ނިސްބަތް 4.8% ދަށްވެފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ ހަނގުރާމައިގެ ހާލަތު ބަދަލުވެ، މެދުއިރުމަތީގެ އެއާލައިންތައް ދަތުރުކުރުން އިތުރުވާ ވަރަކަށް ކުރިއަށް އޮތް ދެ ތިން ހަފްތާތެރޭގައި ރާއްޖެއަށް އަލިގަމެއް ފެނިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ރާއްޖެ އަންނަ ބޮޑެތި އެއާލައިންތަކާ ކުރެވޭ މަޝްވަރާގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއަންނަ ޖޫން މަހުން ފެށިގެން ގަތަރު އެއާވޭސް އާއި އެމިރޭޓްސް އިން ރާއްޖެއަށް ތިން ފްލައިޓް ބޭއްވުމަށް ޝެޑިއުލް ބަދަލުކޮށްފައިވާއިރު، އެ ބަދަލު ގެނެސްފައިވަނީ ރާއްޖެ އަންނަން ތިބި ފަތުރުވެރިން ގިނަ ކަމަށް ބުކިން ސިސްޓަމުން ފެންނާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބްރިޓިޝް އެއާވޭސް އިން މި އަންނަ ސީޒަންގައި 32% މައްޗަށް ގެންދަން ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.






