
ޝެއިހް އާސިމް - ގާފު ފޮޓޯ: އަހްމަދު ރީހާން
މޫސުން ގޯސްވުމުގެ ސަބަބުން މިއަދު މާލެ ސިޓީ އާޓިފިޝަލް ބީޗުގައި ބާއްވަން ނިންމާފައިވާ ޝެއިހް އާސިލް އަލް ހަކީމްގެ ދަރުސް، ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމް އަށް ބަދަލުކޮށްފި އެވެ.

ދަތުރުވެރިޔާ އުމްރާ ގްރޫޕުން އިންތިޒާމްކުރާ ޝެއިހް އާސިމްގެ މި ދަތުރުގައި ރާއްޖޭގެ ފަސް ސިޓީގައި ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ދަރުސް ދެއްވާފައިނީ އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައެވެ. ދެވަނަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމް ހޯލުގައެވެ.
ދަތުރުވެރިޔާ އުމްރާ ގްރޫޕުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޝެއިހް އާސިމްގެ މާލެ ސިޓީ ދަރުސް ފުރަތަމަ ބޭއްވުމަށް ނިންމީ ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް އާޓިފިޝަލް ބީީޗުގައި ކަމަށްވީ ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މިހާރު ސަލްމާން މިސްކިތަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިރޭ ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ 8:30 ގައެވެ. މި ދަރުސަށްފަހުވެސް ސުވާލާ ޖަވާބުގެ ހާއްސަ ސެޝަނެއް ކުރިއަށްގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޝެއިހް އާސިމްގެ ތިންވަނަ ދަރުސް އެޕްރިލް 30ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމާފައިވާއިރު، މެއި 1ވަނަ ދުވަހު ދަރުސް އޮންނާނީ ފުވައްމުލައް ސިޓީގައެވެ. އަދި އެންމެ ފަހުގެ ދަރުސް އޮންނާނީ މެއި 2ވަނަ ދުވަހު ތިނަދޫ ސިޓީގައެވެ.
ޝެއިޚް އާސިމް، އެންމެ ގިނައިން ނަޞޭޙަތް ދެއްވަނީ އިނގިރޭސި ބަހުންނެވެ. އަދި ހުދާ ޓީވީ، ޒަދް ޓީވީ، ޕީސް ޓީވީ، އިކްރާ، އަދި ސައޫދީ 2 ފަދަ ޓީވީ ޗެނަލްތަކުގައި ވެސް އޭނާ ތަގުރީރު ކުރައްވައެވެ.
ސޯޝަލް މީޑިއާގައި ގިނަބައެއްގެ ދީނީ ސުވާލުތަކަށް ޖަވާބު ދެއްވާ ޝެއިޚް އާސިމް އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު ބޭފުޅެކެވެ.






