
-
އެންމެ ލަސްވެގެން އޯގަސްޓް މަހުގެ ނިޔަލަށް އާރުޓީއެލް ފެރީގެ ނިޒާމުން މުޅި ރާއްޖެ އެއްކޮށް ގުޅާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. ،މުހައްމަދު މުއިއްޒު ވިދާޅުވީ، އާރުޓީއެލް ހިދުމަތް ނުފެށި ވަނީ ހަތަރު އަތޮޅު ކަމަށާއި، މި މަޝްރޫއު އެއްކޮށް ނިންމާލުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާ ވަގުތަށް ނުދެއްކިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ފައިސާ ނުދެއްކި މި މަސައްކަތް ލަސްތަކެއްވީ ނަމަވެސް މިހާރު ދަރަނިތައް ދައްކައި، ކުރިއަށް އޮތް ހަތަރުވަރަކަށް މަސްތެރޭގައި މި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިހާރު މަސައްކަތް ކުރިއަށްދާގޮތުން އޯގަސްޓް މަހުގެ ނިޔަލަށް ބާކީ ހުރި ހުރިހާ އަތޮޅެއް އެއްކޮށް އާރުޓީއެލްގެ ފެރީ ނިޒާމުން ގުޅާލެވޭނެ ކަމަށާއި، އަދި އާރުޓީއެލްގެ ހިދުމަތް މިހާރު ހިދުމަތް ދެމުން އަންނަ އަތޮޅުތަކަށް ބޭނުންވާ ބެކްއަޕް ވެސެލްތައްވެސް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
އާރްޓިއެލްގެ ޚިދުމަތް ފެށީ، 2022ވަނަ އަހަރުގައެވެ. ދަތުރުފަތުރުގެ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭ މަސައްކަތްތަކުގެ ތެރެއިން، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މި ސަރުކާރުންވެސް އަންނަނީ، މި މަސައްކަތް ކުރިއަށް ގެންދަމުންނެވެ. މިހާރު މި ޚިދުމަތް 15 އަތޮޅެއްގައި ވަނީ ދޭން ފަށާފައެވެ. އެއާއެކު މިހާރު 145 ރަށަކަށް ދަނީ މި ޚިދުމަތް ލިބެމުންނެވެ.
މިހާރު މި ޚިދުމަތް ނުފެށި ވަނީ، މ.އަތޮޅުގެ އިތުރުން ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅުގައެވެ.






