
އެޗްޑީސީގެ ވިލުންވެރި ކަނބަލުން ޕްރޮގްރާމް: ގޭތެރޭގައި ހިފާގެންގުޅޭ ކަރަންޓު ސާމާނު އަމިއްލައަށް މަރާމާތުކުރަން ދަސްކޮށްދޭ ހާއްސަ ކްލާސްތަކެއް ފަށަނީ
# އެޗްޑީސީ-
އެޗްޑީސީން އިސްނަގައިގެން ގޭތެރޭގައި ހިފާގެންގުޅޭ ކަރަންޓު ސާމާނު އަމިއްލައަށް މަރާމާތުކުރަން ދަސްކޮށްދޭ ހާއްސަ ކްލާސްތަކެއް ކުރިއަށް ގެންދަން ތައްޔާރުވެއްޖެ އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ކްލާސްތަކަކީ އެކުންފުނީން ކުރިޔަށް ގެންދާ ވިލުންތެރި ކަނބަލުންގެ ޕްރޮގްރާމުގެ ތެރެއިން އެޗްޑީސީއާއި އެމް.އައި.ޓީއާ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން އެޗްޑީސީގެ ވިލުންވެރި ކަނބަލުން ޕްރޮގްރާމަކީ މުޖުތަމައުގައި އަންހެނުން ބާރުވެރި ކުރުވާ އަންހެނުންނަށް ތަމްރީނީ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޗްޑީސީން އެމް.އައި.ޓީއާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ގޭތެރޭގައި ހިފާގެންގުޅޭ ކަރަންޓު ސާމާނު އަމިއްލައަށް މަރާމާތުކުރަން ދަސްކޮށްދޭ ހާއްސަ ކްލާސްތަކެއް މީގެ ކުރީންވެސް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ގޭތެރޭގައި ދިމާވާ ކުދިކުދި ކަރަންޓު މައްސަލަތައް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށް އުނގަންނައިދިނުމާއި އެފަދަ ޙާލަތްތަކުގައި ކުރެވިދާނެ ކަންކަމަށް އަމިއްލަ ނަފްސު ތައްޔާރު ކުރުން ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
ގިނަ ފަހަރަށް ގޭތެރޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނަކަށް ކުޑަ މައްސަލައެއް ދިމާވިޔަސް، އެކަން ހައްލުކުރުމަށް އެހެން މީހެއްގެ އެހީތެރިކަމަށް އިންތިޒާރުކުރަން ޖެހޭ ކަމަށާއި ނަމަވެސް މިފަދަ ތަމްރީނުތަކުގެ ސަބަބުން ކަނބަލުންނަށް އަމިއްލައަށް އެފަދަ ކަންކަން ހައްލުކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.
2023 ވަނަ އަހަރު ކުރިއަށްގެންދެވުނު މި ޕްރޮގްރާމްގައި 323 ފަރާތަކުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބުގެ ސަބަބުން އެޗްޑީސީން ވަނީ މި އަހަރުގެ ތެރޭގައި މި ސިލްސިލާގެ އިތުރު ޓްރެއިނިންގްތަކެއް ކުރިއަށް ގެންދަން ނިންމާފައިއެވެ. ޑޮމެސްޓިކް އެޕްލައެންސް ޓްރެއިނިންގްގެ އިތުރުން ސައިކަލުތަކަށް ދިމާވާ ކުދި ކުދި މައްސަލަތައް ހައްލު ކުރުމުގެ ޙާއްސަ ޓްރެއިނިންއެއް ވެސް މިއަހަރު ތެރޭގައި ބޭއްވުމަށް ތާވަލުކޮށްފައިވާއިރު މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ކަނބަލުންނަށް މިފަދަ ފަންނީ ހުނަރުތައް ދަސްކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އެޗްޑީސީން ފާހަގަކުރެއެވެ.
މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ. މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެޗްޑީސީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހުޅުވާލަން ނިންމާފައިވާއިރު ބައިވެރި ވުމަށް ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ 03 މެއި 2026 އެވެ.
މިފަދަ ޓްރެއިނިންގްތަކުގެ ސަބަބުން، ގޭތެރޭގައި ދިމާވާ ކަންކަމުގައި އަންހެނުންނަކީ ވިލުންވެރި އަދި އަހުލުވެރި ބަޔަކަށް ވެގެންދާނެއެވެ.
އެމްއައިޓީއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށް ޓްރެއިނިނގް ޕްރޮގްރާމް އަދި ޒުވާނުން ހުނަރުވެރިކުރުމަށް ޙާއްސަ ޕްރޮގްރާމްތަކެއްވެސް ވަނީ ރޭވިފައިއެވެ.
ގުޅުންހުރި

އެޗްޑީސީގެ ވިލުންވެރި ކަނބަލުން ޕްރޮގްރާމް: ގޭތެރޭގައި ހިފާގެންގުޅޭ ކަރަންޓު ސާމާނު އަމިއްލައަށް މަރާމާތުކުރަން ދަސްކޮށްދޭ ހާއްސަ ކްލާސްތަކެއް ފަށަނީ

އެޗްޑީސީން 71 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

އެޗްޑީސީން "ވެލްނެސް ސެންޓަރެއް" ގާއިމްކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި




