
ބީޗް ގޭމްސް: ބަންގްލަދޭޝް ބަލިކޮށް ރާއްޖޭގެ ބީޗް ހޭންޑްބޯޅަ ޓީމު މުބާރާތް ފެށީ އިތުބާރާއެކު
# ދިވެހި ކުޅިވަރު # ބީޗް ހޭންޑްބޯޅަ ޤައުމީ ޓީމު# ބީޗް ގޭމްސްރާއްޖެއާއި ބަންގްލަދޭޝް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: އޮލިމްޕިކް ކޮމެޓީ
ޗައިނާގެ ސަންޔާ، ހައިނާން އައިލެންޑްގައި މިއަދު ފެށި 06 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ދިވެހިރޭއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ސެޓްގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ނުވަ ޕޮއިންޓްގެ ލީޑަކާއެކު 12-21 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަންގްލަދޭޝް އިންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް 22-23 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ދިވެހި ޓީމުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް މެޗު 7-4 ގެ ނަތީޖާއަކުން ދިވެހި ޓީމު ކާމިޔާބުކުރިއިރު، މިމެޗުގައި ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ޕޮއިންޓް ހޯދައިދިން ނައީމް ޝަމްނޫޒް މުހައްމަދު އެވެ. އަދި މީގެ އިތުރުން ދިވެހި ޓީމުގެ އާދަމް ފަތުހުﷲ 10 ޕޮއިންޓް، އަބްދުﷲ ޝިރާން ނުވަ ޕޮއިންޓް، އިބްރާހިމް މުހައްމަދު ރީހާން ހަތަރު ޕޮއިންޓް، އަލީ މުހައްމަދު އަދި އަލީ ނައީމް މިއިން ކޮންމެ ކުޅުންތެރިއަކު ދެ ޕޮއިންޓް ހޯދިއިރު، ހަސަން އަމްޖަދު ވަނީ އެއްޕޮއިންޓް ހޯދާފައެވެ.
މުބާރާތުގައި ދިވެހި ޓީމު ކުޅޭ ދެވަނަ މެޗުގައި މިއަދު މެންދުރުފަހު ރާއްޖެ ގަޑިން 14:00 ގައި ނުކުންނާނީ ޖޯޑަން އާއި ދެކޮޅަށެވެ.
21 އެޕްރީލް 2026 އިން 30 އެޕްރީލް 2026 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ހޭންޑްބޯޅަ އިވެންޓްގައި މިފަހަރު ޖުމްލަ 14 ޓީމު ވާދަކުރާއިރު، ގްރޫޕް އޭގައި ހިމެނެނީ، ޗައިނާ، އިރާން، ފިލިޕީންސް، ހޮންގް ކޮންގް، އިންޑިއާ، ސްރީ ލަންކާ އަދި ބަހުރޭން އެވެ. ގްރޫޕް ބީގައި ރާއްޖޭގެ އިތުރުން ހިމެނެނީ، އޭޝިއާގެ ޗެމްޕިއަން އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް، ގަތަރު އަދި މޮންގޯލިއާ އެވެ. އަދި މިގުރޫޕްގައި ހިމެނޭ އޮމާންގެ އިތުރުން ގަތަރަކީ 2024 ވަނަ އަހަރު ޗައިނާގައި ބޭއްވުނު ފިރިހެން ބީޗް ހޭންޑްބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ދެ ޓީމެވެ. އަދި މިއަހަރު ކްރިއޭޝިއާގައި ބޭއްވި ފިރިހެން ބީޗް ހޭންޑްބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްގައި އޭޝިއާ އިން ވާދަކޮށްފައިވަނީ އޮމާން އަދި އީރާން އެވެ. އަދި މިދެޓީމަކީ މިދިޔަ އަހަރު ބޭއްވުނު އޭޝިއަން ބީޗް ހޭންްޑްބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވެސް ވާދަކުރި ދެޓީމެވެ.
ގުޅުންހުރި

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެލެންޖް: ޕްލޭއޮފް ކާމިޔާބުކޮށް ބޮންތިއާއެކު ޕްރޯ އެސްއޭ ސެމީ ފައިނަލުން ޖާގަ ހޯދައިފި

ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް: ޕްރޯ އެސްއޭ، ކުލަބު ހުޅު، ޒެފާރސް އަދި ވެސްޓްއެންޑް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފި

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ފަސޭހަކަމާއެކު ޚާތިމް ބަލިކޮށް އޯޕަން ސިންގަލް ޗެމްޕިއަންކަން ހުޖާން ހޯދައިފި




