
-
ކުރިޔަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެޕާޓީގެ ޗެއާޕާސަންއަކަށް ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ތާއީދުކުރައްވާކަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ ދީދީ ހާމަކުރައްވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވަން ނިންމަވާފައިވާކަން ރައީސް ނަޝީދު ހާމަކުރެއްވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.
ނަޝީދުގެ މިނިންމެވުމާއިއެކު އެކްސްގައި މާރިޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ ކުރިޔަށް އޮތް އިންތިހާބަށް ތައްޔާރުވުމަށްޓަކައި ޕާޓީގެ ހިންގުން ހަވާލުކުރުމަށް އެންމެ ރަނގަޅު ފަރާތަކީ މިވަގުތު ނަޝީދު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެގޮތުން ނަޝީދު ތަޖުރިބާއާއި ހިންގުންތެރިކަމާއި ސިޔާސީ ވިސްނުންފުޅަކީ މިވަގުތު އެމްޑީޕީއަށް އެންމެ މުހިންމު ކަންތައްތައް ކަމުގައި މާރިޔާ ފާހަގަކުރެއްވި އެވެ.
މާރިޔާ އިތުރަށް ވިދާލުވީ ޕާޓީއަށް މުހިންމު މި ދަނޑިވަޅުގައި، ޕާޓީއަށް ބޭނުންވަނީ، އިތުބާރު ހިފޭ ޤައުމީ މަސްލަހަތާއި ކުރިއަށް އޮތް އުނދަގޫ މަގުގައި ޕާޓީ ގޮވައިގެން ދަތުރުކުރެވޭނެ ވަރުގަދަ ލީޑަރޝިޕެއް ކަމަށެވެ.
އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކޮށްފައިވަނީ މެމްބަރު މީކާއިލް ނަސީމް އާއި ހުސެއިން އަމުރު އެވެ.






