
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ލިވަޕޫލުން އެވަޓަން ބަލިކޮށްފި
# އިނގިރޭސި ޕްރިމިއާ ލީގު# އެވަޓަން# ބޭރު ދުނިޔޭގެ ކުޅިވަރު# ލިވަޕޫލްލިވަޕޫލް އާއި އެވަޓަން ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި އެވާޓަން އާއި ވާދަކޮށް ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ފުލަމް އަތުން މޮޅުވެފައިވާއިރު، ލީގުގައި އެވަޓަން އެންމެ ފަހުން ކުޅުނު މެޗުގައި ބްރެންޓްފޯޑާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު ވެސް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ލިވަޕޫލުންނެވެ.
ލިވަޕޫލްގެ ހިލް ޑިކިންގްސަން ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 27 ވަނަ މިނެޓުގައި އެވަޓަން އިން ލަނޑެއް ވެސް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އަދި އޭގެ ދެމިނެޓް ފަހުން ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑުހޯދައިދީފައެވެ.
މިއީ އެޓީމުގެ ފޯވާޑް ކޯޑީ ގައްޕޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެވަޓަން އިން އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު މެޗުގެ 54 ވަނަ އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ބެޓޯ އެވެ. އަދި މިލަނޑާއެކު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިއޮވެ، މެޗު ނިމެން ދަނިކޮށް ދެވަނަ ހާފުގެ އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި ލިވަޕޫލް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ވަޖިލް ވެންޑައިކް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 33 މެޗުން ލިވަޕޫލަށް 55 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. އަދި މިމެޗުން ބަލިވި އެވަޓަން އިން ލީގުގައި ކުޅުނު 33 މެޗުން ހޯދި 47 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.






