logoEN
WAMCO TOP 1
ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ޔުނައިޓެޑް އަތުން ޗެލްސީ ބަލިވެއްޖެ

ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ޔުނައިޓެޑް އަތުން ޗެލްސީ ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

4/19/2026, 2:48:30 AM

# މެންޗެސްޓަރ ޔުނައިޓެޑް# ޗެލްސީ# އިނގިރޭސި ޕްރިމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު

ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެ އެވެ.

THE TRAVELLER AD

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ އަތުން ބަލިވެފައިވާއިރު، މިއީ 1998 ގެ ފަހުން ލީގުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީ އެޓީމު ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ލީޑްސް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ޔުނައިޓެޑުންނެވެ.

ޗެލްސީގެ ސްޓޭންފޯޑް ބްރިޖުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ 11 ވަނަ މިނެޓުގައި އެޓީމުގެ ބްރެޒިލް ފޯވާޑް އެސްޓެވާއޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ޗެލްސީގެ މިޑްފިލްޑަރު އެންޒޯ ފެނާންޑެޒްއަށް ވަނީ ލަނޑުޖަހަން ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ.

މެންޗެސްޓާ ޔުނައިޓެޑުން މެޗުގެ ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މެތިއަސް ކުންޔާ އެވެ. މިއީ މިހާފުގައި ޗެލްސީގެ ގޯލާއި އަމާޒުކޮށް ޔުނައިޓެޑުން ފޮނުވާލި ހަމައެކަނި ހަމަލާއެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ޔުނައިޓެޑްގެ ގޯލަށް 15 ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އޭގެ ތެރެއިން ގޯލާއި އަމާޒުވެފައިވަނީ އެންމެ ހަތަރު ހަމަލާއެވެ. އަދި މިހާފުގައި ޔުނައިޓެޑުން ޗެލްސީގެ ގޯލަށް ދެހަމާލެއް ފޮނުވާލި ނަމަވެސް އޭގެ ތެރެއިން އެންމެ ހަމަލާއެއްވެސް ގޯލާއި އަމާޒުވެފައެއްނުވެއެވެ.

މީއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 33 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 58 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ޗެލްސީ އިން ލީގުގައި ކުޅުނު 33 މެޗުން ހޯދި 48 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިގައެވެ.

ކޮމެންޓް
ފަހުގެ
HDC