
ގިރާވަރު ފަޅުން 98 ހެކްޓަރު ބިން ހިއްކައިފި، މެއި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ!
# ގިރާވަރު ފަޅު-
ގިރާވަރު ފަޅުން މިހާތަނަށް 98 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް ނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް ގިރާވަރުފަޅުގެ މައުލޫމާތު ހޯދުމަށް ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ މުއްތަލިބް ވިދާޅުވީ، އޭޕްރިލް 9ވަނަ ދުވަހާ ހަމައަށް 98 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ.
ގިރާވަރުފަޅުން 169 ހެކްޓަރުގެ ބިން ހިއްކަން ކަނޑައަޅާފައިވާއިރު، ނިމިދިޔަ ސަރުކާރުން މަސައްކަތް ހަވާލުކުރި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން، ވެރިކަން ބަދަލުވިއިރު ނިންމާފައި އޮތީ 54 ހެކްޓަރުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެ ކުންފުން މަސައްކަތް ކުރިއަށްގެންދިޔުން ލަސްވާތީ މި ސަރުކާރުން ވަނީ އެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާ ހަވާލުކޮށްފައެވެ.
އެމްއޭސީއިލް މި އަހަރު ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، އެކުންފުނިން ވަނީ ކުރިން ހިއްކާފައިވާ 54 ހެކްޓަރުގެ އިތުރަށް 44 ހެކްޓަރުގެ ބިން ހިއްކާފައެވެ. އަދި ބާކީ 71 ހެކްޓަރު ބިން މެއިމަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރ މުއްތަލިބް ވިދާޅުވި އެވެ.
ނިމުނު ސަރުކާރުން އެކުލަވާލާފައިވާ ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕްލޭންގައި ގިރާވަރުފަޅުން 5000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ލޭންޑްޔޫސް ޕްލޭނަށް ބަދަލާއެކު، 1114ވަރަކަށް ގޯތި ގުޅީފަޅަށް ބަދަލުކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި މި ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާނީ ބިން ހިއްކައި ނިމުމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ބިން ހިއްކާ ނުނިމުނު ނަމަވެސް މިހާރު ވަނީ، އާ ލޭންޑް ޔޫސް ޕްލޭނަށް ބަލާ، ގޯތީގެ ޕްލޮޓް ދޭނެ ސަރަޙައްދުތައް ކަނޑައަޅާ، ގޯތީގެ ވެރިންނަށް ލިބޭ ޕްލޮޓް ނަންބަރު ކަނޑައަޅާފައެވެ.
ގުޅުންހުރި

ގިރާވަރު ފަޅުން 98 ހެކްޓަރު ބިން ހިއްކައިފި، މެއި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ!

މި ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަދާނީ ބިން ހިއްކާފައި - މުއްތަލިބް

ގިރާވަރުފަޅު ހިއްކުން ބާރު ސްޕީޑެއްގައި ކުރިޔަށް: މިހާތަނަށް 15 ހެކްޓަރު ހިއްކައިފި




