
ޕީއެސްޖީ އަތުން ބަލިވެ ލިވަޕޫލް ޗެމްޕިއަންސް ލީގުން ކަޓައިފި
# ޕީއެސްޖީ# ލިވަޕޫލް# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގުލިވަޕޫލާއި ޕީއެސްޖީ ވާދަކުރި މެޗުގެ ތެރެއިން
ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެ ލިވަޕޫލް މުބާރާތުން ކަޓައިފިއެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވެފައިވާއިރު، އެޓީމު ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 0-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
ލިވަޕޫލްގެ އަންފީލްޑްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޕީއެސްޖީ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ އެޓީމު ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުކުރެވިދިޔައިރު، ޕީއެސްޖީ އިން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުސްމާން ޑެމްބެލޭ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމު ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޑެމްބެލޭ އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ސެމީފައިނަލުގައި ޕީއެސްޖީ ވާދަކުރަންޖެހޭނީ ކުއާޓާ ފައިނަލުގައި ބަޔާން މިޔުނިކާއި ރެއާލް މެޑްރިޑް މިރޭ ވާދަކުރާ މެޗުން ކުރި ހޯދާ ޓީމަކާއި ދެކޮޅަށެވެ. ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-2 ގެ ނަތީޖާއަކުން ބާޔަން އިން ކާމިޔާބުކޮށްފައިވާއިރު، މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް އެޓީމަށް ސެމީގެ ފުރުސަތު ލިބެން އެބައޮތެވެ.






