
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު އިސްތިއުފާ ދެއްވައިފި އެވެ.

ހައިދަރު އިސްތިއުފާދެއްވިކަން އިތުބާރުހުރި މަސްދަރުތަކުން ގާފު ނޫހަށް ވަނީ ކަށަވަރުވެފައި އެވެ. ނަމަވެސް، ކުއްލި ގޮތަކަށް އޭނާ އިސްތިއުފާދެއްވި ސީދާ ސަބަބެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އަދި މިހާތަނަށް މިކަމާއި ގުޅިގެން ހައިދަރުވެސް ރަސްމީކޮށް ބަހެއް ބުނެފައި ނުވެއެވެ.
ރައީސް އޮފީހުން ދާދި ދެންމެ އަކު ވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު މަގާމުން އިސްތިއުފާދެއްވިކަން ކަށަވަރުކޮށްދީފައި އެވެ. އެގޮތުން އިތުރު 9 ވަޒީރުންނާއިއެކު ހައިދަރު ވެސް އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށެވެ.
ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރަންޑްރަމް އިންތިހާބުގައި ސަރުކާރުން އުންމީދުކުރި ވަރުގެ ނަތީޖާއެއް ނެރެވިފައިނުވުމާއިއެކު ރައީސް މުއިއްޒު ވަނީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން އަރުއްވާފައި އެވެ.






