
ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު!
# އީސީ# އިލެކްޝަންސް ކޮޮމިޝަން-
އޭޕްރިލް 4ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކުރެއްވީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
ޒާހިދު ވިދާޅުވީ މި މަހުގެ 4ވަނަ ދުވަހު ބޭއްވި އިންތިހާބުތަކަކީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް ރައްޔިތުން ވޯޓުލި ފަހަރުކަމަށެވެ. އަދި އިންތިހާބުގެ ހުރިހާކަމެއްވެސް ކުރިއަށްދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކުގައި ކަމަށް ވިދާޅުވިއެވެ.
ޒާހިދު އިތުރަށް ވިދާޅުވީ، އިންތިހާބުގައި ދެވަނަ ބުރަކަށް ވޯޓުލާންޖެހޭ ދާއިރާތަކުގެ ވޯޓުލުން އެޕްރީލް 18ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.
"މި އިންތިޚާބުގެ ދެވަނަ ބުރަށް ދާ ދާއިރާތަކުގެ އިންތިޚާބު 2026 އެޕްރީލް، އާދެ މި މަހުގެ 18ވާ ހޮނިހިރު ދުވަހު ބޭއްވިގެންދާނެ. މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ފަށައިފީމު." އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު
ޒާހިދު ވިދާޅުވިގޮތުގައި، މިފަހަރުގެ އިންތިހާބާ ގުޅިގެން ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް 170 ޝަކުވާ ވަނީ ލިބިފައެވެ. މި ޝަކުވާތަކާ ގުޅިގެން ޤާނޫނީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖަވާބު އެރުވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ޒާހިދު ވިދާޅުވި އެވެ. އެ ޝަކުވާތަކާ ގުޅިގެން އީސީން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ކޮންމެ ފަރާތަކަށްވެސް މިއަދުން ފެށިގެން 14 ދުވަސްތެރޭ ހައިކޯޓުގައި މައްސަލަ ޖެއްސުމުގެ ފުރުސަތު އޮންނާނެ ކަންވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
ކައުންސިލް އިންތިހާބުގައި ބައެއް ދާއިރާތަކުގައި ކެނޑިޑޭޓުންގެ ވޯޓު ވަނީ އެއްވަރުވެފައެވެ. އެހެންކަމުން އެ ދާއިރާތަކުގައި ދެވަނަ ބުރުގެ ވޯޓުލުން އޮންނާނެއެވެ.
ގުޅުންހުރި

ހިތަދޫ އުތުރު ބައި އިލެކްޝަން: 4 ޖެހުމާއި ހަމައަށް 62 އިންސައްތަ މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކޮށްފި




