
ސަރުކާރުގެ ކުންފުނިތަކުން ހަރަދުތައް ކުޑަކުރުމަށް ޕީސީބީން އަންގައިފި
# ސަރުކާރު# މެދުއިރުމަތި# ޕީސީބީ-
މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރާ ހަރަދުތައް ކުޑަކުރުމުގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކަށް ހަރަދުތައް ކުޑަކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑު ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.

މިދިޔަ މަހު 30 ގައިވެސް ޕީސީބީން ކުންފުނިތަކަށް ފޮނުވާފައިވާ ސާކިއުލާގައި ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑައަރީ ކުންފުނިތަކުގެ ހަރަދުކުޑަކުރުމަށް މައިގަނޑުކޮށް ފާހަގަކޮށްފައިވަނީ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ފިޔަވާ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް މަދުކުރުމަށެވެ.
ނަމަވެސް މިހާރުގެ ހާލަތައް ރިއާޔަތްކޮށް އިތުރު ފިޔަވަޅުތައް އެޅުމަށް ޕީސީބީން ވަނީ މިހާރު ކުންފުނިތަކަށް އަންގާފަ އެވެ.
ޕީސީބީގެ ސާކިއުލާގައި އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް-
- ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާއަތްތަކަށް ކުރާ ހަރަދުތައް ބޮޑުތަނުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަޅުތައް އެޅުން.
- ރަސްމީގަޑީގައި މަސައްކަތްތައް ނިންމޭނެގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރާވައި، އިތުރުގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނޫނީ ނުކުރުން.
- މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މިވަގުތަށް ހުއްޓާލުމާއި އަދި ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއްކަމުގައި ވީނަމަވެސް، ކުންފުނީގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން މަގާމުތަކަށް ނުނެގުން.
- އިގްތިސާދީ ހިރާސްތަކަށް ރިއާޔަތްކޮށް ކުންފުނީގެ ކޭޝްފުލޯ ދަތިނުވެ، ދެމެހެއްޓެނިވިގޮތަކަށް ކޭޝްފުލޯ މެނޭޖުކުރުމަށްޓަކައި، މުވައްޒަފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުރުމުގައި އަޅަންޖެހޭ އެންމެހާ އެހެނިހެން ފިޔަވަޅުތައް އެޅުން.
- ކުންފުނީގެ ހިންގާ ގަވާއިދާއި، އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ކުންފުނިން ނުކުރާކަން ޔަގީންކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން.
- މެދުއިރުމަތީގެ ހަމަނެޖެހުންތަކާއި ގުޅިގެން އިގްތިސާދަށް ކުރާނެ އަސަރުތައް ދިރާސާކޮށް ފިޔަވަޅުތައް އެޅުމާއި، ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތައް އެޅުމަށް ސަމާލުކަންދިނުން.
- ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް މެނުވީ ނުބޭއްވުމާއި، އަދި ހަފްލާތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުމާއި، ހަފްލާތަކަށް ކުރާ ހަރަދު ވީހާވެސް ކުޑަކުރުން.
- ދެމެހެއްޓެވިނިވި ގޮތެއްގައި ކުންފުނީގެ ހަރަދުތައް މެނޭޖްކުރުމަށްޓަކައި މި ސަރކިއުލަރގައި ބަޔާންކުރާ އެންމެހައިކަންތައްތަކާއި، އަދި މި ނޫނަސް އެޅުން މުހިންމު އެހެނިހެން ފިޔަވަޅުތައް ކުންފުނީގެ ބޯޑުން އެޅުން.
ކުންފުނިތަކަށް ކުރިން އަޅަން އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ރަސްމީ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމާއި، ބައިނަލްއަގްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުމާއި، ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގައި ބިޒްނަސް ކްލާހުން ދަތުރު ނުކުރުމާއި، ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުގެތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކުރުން އަދި ރާއްޖެއިން ބޭރަށް ކުރާ ޓްރެއިނިންގް ދަތުރުތައް މިވަގުތަށް ހުއްޓާލައި، މިފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން ހިމެނެ އެވެ.
މީގެއިތުރުން ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުމާއި، ކުންފުންޏަށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި، ފެއާތަކުގައި ނޫނީ ބައިވެރިނުވުން އަދި ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ، ވީ އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރުން އަދި ކަރަންޓުގެ ހަރަދު ކުޑަކުރުން ހިމެނޭ ކަމަށް ޕީސީބީން ވަނީ އަންގާފަ އެވެ.
ސަރުކާރުން ދަނީ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. އޭގެތެރޭގައި ހިމެނެނީ މަސައްކަތްތަކުގެ ވަގުތުތައް ކުޑަކުރުމާއި، ބޭރަށް ކުރާ ދަތުރުތައް މަދުކޮށް އޮންލައިން ބައްދަލުވުންތަކަށް އިސްކަންދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ގުޅުންހުރި

ސަރުކާރުގެ ކުންފުނިތަކުން ހަރަދުތައް ކުޑަކުރުމަށް ޕީސީބީން އަންގައިފި

އިންފޮމޭޝަން އޮފިސަރުންނަކީ ގާނޫނަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެދިއްޖެ

މަސްވެރިކަން އިޝްތިހާރުކުރާ ކުންފުނީގެ އެމްޑީއަކަށް ޑރ މުޙައްމަދު އިބްރާޙިމް!




