
ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އާސެނަލް އަތުން ސްޕޯޓިންގ ބަލިވެއްޖެ
# ސްޕޯޓިންގ ލިޒްބަން# ޔުއެފާ ޗެމްޕިއަންސްލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# އާސެނަލްސްޕޯޓިންގ އާއި އާސެނަލް ވާދަކުރި މެޗުގެ ތެރެއިން..
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި އާސެނަލް އާއި ވާދަކޮށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި 1-0 ގެ ނަތީޖާއަކުން ސްޕޯޓިންގ ލިޒްބަން ބަލިވެއްޖެއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ސްޕޯޓިންގ ޖާގަހޯދީ ރައުންޑް އޮފް 16 ގައި ނޯވޭގެ ބޯޑޯ / ގްލިމްޓް އާއި ވާދަކޮށް 5-3 ގެ އެގްރިގޭޓް ނަތިޖާއަކުން ކުރިހޯދައިގެންނެވެ. އަދި އާސެނަލް ކުއާޓާ ފައިނަލުން ޖާގަހޯދީ ރައުންޑް އޮފް 16 ގައި ޖަރުމަނުގެ ބަޔާ ލެވަކޫސަން 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
ސްޕޯޓިންގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 63 ވަނަ މިނެޓުގައި އާސެނަލް އިން ލަނޑެއް ވެސް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. އަދި މިމެޗުން އާސެނަލް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު ފޯވާޑް ކައި ހަވަޓްޒް އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗެއްގައި ޕޯޗުގަލް ކުލަބެއް އަތުން ރަށުން ބޭރުގައި އާސެނަލް މޮޅުވި ފުރަތަމަ މެޗެވެ.
މީގެ ކުރިން ރަށުން ބޭރުގައި ޕޯޗުގަލްގެ ކުލަބުތަކާއި ދެކޮޅަށް އާސެނަލް އިން ކުޅުނު ނޮކްއައުޓް އަށް މެޗުގެ ތެރެއިން ހަތަރު މެޗުން އެޓީމު ބަލިވެފައިވާއިރު، އަނެއް ހަތަރު މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި މި ދެޓީމުގެ މެދުގައި ކުޅެވޭ ކުއާޓަ ފައިނަލްގެ ދެވަނަ ލެގުގެ މެޗު އާސެނަލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ އެވެ.
ގުޅުންހުރި

ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އާސެނަލް އަތުން ސްޕޯޓިންގ ބަލިވެއްޖެ

ރަށުން ބޭރުގައި ރެއާލް މެޑްރިޑް ބަލިކޮށް ބަޔާން މިޔުނިކުން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ތަފާތުބޮޑު ނަތީޖާއަކުން ޕޯޓް ވޭލް ބަލިކޮށް ޗެލްސީ އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި




