logoEN
WAMCO TOP 1
ރަށުން ބޭރުގައި ރެއާލް މެޑްރިޑް ބަލިކޮށް ބަޔާން މިޔުނިކުން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ރަށުން ބޭރުގައި ރެއާލް މެޑްރިޑް ބަލިކޮށް ބަޔާން މިޔުނިކުން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

4/7/2026, 5:48:18 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގު# ބަޔާން މިއުނިކް# ރެއާލް މެޑްރިޑް

ބެޔާން މިޔުނިކާއި ރެއާލް މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން...

ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ރެއާލް މެޑްރިޑާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ ބަޔާން މިޔުނިކުން މުބާރާތުގެ ސެމީފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.

THE TRAVELLER AD

މުބާރާތުގެ ކުއާޓާ ފައިނަލުން ބަޔާން މިޔުނިކް ޖާގަހޯދީ ރައުންޑް އޮފް 16 ގައި އިޓަލީގެ އެޓަލާންޓާ އާއި ވާދަކޮށް 10-2 ގެ ތަފާތުބޮޑު އެގްރިގޭޓް ނަތިޖާއަކުން ކުރިހޯދައިގެންނެވެ. އަދި ރެއާލް މެޑްރިޑް ކުއާޓާ ފައިނަލުން ޖާގަހޯދީ ރައުންޑް އޮފް 16 ގައި ޕްރެމިއާ ލީގުގެ މެންޗެސްޓާ ސިޓީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

ރެއާލްގެ ސެންޓިއާގޯ ބެރްނަބާއޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި ރެއާލް އިން ފޮނުވާލި ގިނަ ހަމަލާތަކެއް ބަޔާންގެ ތަޖްރިބާކާރު ކީޕަރު މެނުއެލް ނޯޔާ ދިފާއުކޮށްފައިވާއިރު، ބަޔާން އިން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް އެވެ. މިއީ އެޓީމުގެ ސާޖް ގްނެބްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ބަޔާން މިޔުނިކުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން 30 ސިކުންތު ނުވަނީސް އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އެވެ. މިއީ އެޓީމުގެ އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލް ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިމުބާރާތުގައި ކުޅުނު 10 މެޗުގައި އެނާ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.

ބަޔާން މިޔުނިކުން ދެލަނޑުގެ ލީޑެއް ހޯދުމާއެކު ރެއާލް މެޑްރިޑުން ވަނީ ބަދަލުތަކަކާއެކު އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި ވެސް އެޓީމުން ވަނީ ބަޔާންގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި ރެއާލް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭއެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-2 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު ބަޔާންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުުގެ 16 ވަނަ ދުވަހުގެ ރޭ އެވެ.

ކޮމެންޓް
ފަހުގެ
HDC