
-
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބާއްވައިފިނަމަ، ޕީއެންސީން ހޯދާނެ ބޮޑު ކާމިޔާބީއާ މެދު އިދިކޮޅު އެމްޑީޕީން ބިރުގަންނަ ކަމަށް ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޕީއެންސީގެ "ހަރުގެ" ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އިންތިޚާބުތައް ވަކިވަކިން ބޭއްވުމަށް އެމްޑީޕީން ބޭނުންވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރުމަށް ކަމަށެވެ. އެމްޑީޕީގެ ވިސްނުމަކީ އިންތިޚާބުތައް ގިނަވުމުން "ފައިސާ ލިބޭނެ" ގޮތްތައް ހޯދުން ކަމަށާއި، އެ ޕާޓީން ދައްކަނީ ނުބައި ގޮތުގައި ފައިސާ ބަހާނެ ވާހަކަ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"އެމްޑީޕީން ބުނަމުންދަނީ އިންތިހާބުތައް ގިނަވީމައޭ ފައިސާ ލިބޭނީ، ގިނައި މަސައްކަތް ލިބޭނީ. އެދައްކަނީ ނުބައި ފައިސާ ބަހާނެ ވާހަކަ. އެއީ އެމީހުން އަމަލުކުރާ ގޮތް. ވާހަކަތައް މިހާރުވެސް އެހުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް،" ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީން މިހާރު ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ބަދަލުގައި ކުރިއަށް ގެންދަނީ ރިފަރެންޑަމާ ދެކޮޅު ކެމްޕެއިނެކެވެ. އޭނާ ވިދާޅުވީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް ވީނަމަވެސް، އެކަން އެގޮތަށް ފާސްވެދާނެތީ އެމްޑީޕީން ހުރަސްއަޅަމުންދާ ކަމަށެވެ.
އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ، އެ ޕާޓީއަކީ ދުވަހަކުވެސް ރައްޔިތުންނަށް ހެޔޮއެދޭ ބައެއް ނޫން ކަމަށެވެ. އަދި އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން ވެސް އެމްޑީޕީއަށް މަޖިލިސް، ވެރިކަން ނުވަތަ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ލިބުނު އިރުވެސް ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީން ބިރުން އެއުޅެނީ ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވައިފިނަމަ، ރައްޔިތުންގެ އިތުބާރު އޮތީ ސަރުކާރަށްކަން ހާމަވެ، ޕީއެންސީން ދެ އިންތިހާބުވެސް ކާމިޔާބު ކުރާނެކަން އެނގޭތީ،" ފަލާހު ވިދާޅުވިއެވެ.
ޕީއެންސީގެ ހަރުގޭގައި ބޭއްވި މި ޖަލްސާގައި އެ ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި ޕާޓީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވެއެވެ. މި ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ އިސްލާހީ ބަދަލުތަކަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައެވެ.
ގުޅުންހުރި

"އެމްޑީޕީން ބޭނުންވަނީ އިންތިޚާބުތަކުގެ ތެރެއިން ކޮރަޕްޝަން ހިންގަން"
.jpg&w=3840&q=75)
އިދިކޮޅުން މަސައްކަތްކުރަނީ ހިޔާލުހޯދުމުގެ ވޯޓުގެ މަގްސަދު އޮޅުވާލަން - ޕީއެންސީ

ކައުންސިލް އިންތިހާބަކާއި އެމްޑީޕީން ނޫޅޭ، އުޅެނީ ދެ އިންތިހާބު އެއްކޮއްލުމުގެ ވޯޓަށް ނުފޫޒުފޯރުވަން - ފަލާހް

.gif&w=3840&q=75)



