
ޕެނަލްޓީގައި އިޓަލީ ބަލިކޮށް ބޮސްނިއާ އިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފި
# ވޯލްޑްކަޕް ކޮލިފައިންގ # އިޓަލީ # ބޮސްނިއާ# ބޭރު ދުނިޔޭގެ ކުޅިވަރުއިޓަލީ އާއި ބޮސްނިއާ ވާދަކުރި މެޗުގެ ތެރެއިން..
ވޯލްޑް ކަޕް ޕްލޭއޮފް ފައިނަލްގައި މިރޭ އަމިއްލަ ދަނޑުގައި އިޓަލީ އާއި ބޮސްނިއާ އެންޑް ހެރްޒެގޮވިނާ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-1 ގެ ނަތީޖާއަކުން މޮޅުވެ ބޮސްނިއާ އިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

އިޓަލީ ވޯލްޑް ކަޕް ޕްލޭއޮފް ފައިނަލުން ޖާގަހޯދީ ޕްލޭއޮފް ސެމީފައިނަލުގައި 2-0 ގެ ނަތީޖާއަކުން ނޮދަން އަޔަލޭންޑް ބަލިކުރުމަށްފަހު އެވެ. އަދި ބޮސްނިއާ ޕްލޭއޮފް ފައިނަލުން ޖާގަހޯދީ ޕްލޭއޮފް ސެމީފައިނަލުގައި ޕެނަލްޓީ ޖަހައިގެން ވޭލްސް ބަލިކުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ލަނޑުޖަހާނެ ގިނަ ފުރުސަތު ތަނަވަސްކުރީ ބޮސްނިއާ އިންނެވެ. ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިޓަލީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މޮއިސް ކީން އެވެ. މިއީ އެޓީމުގެ ނިކޮލޯ ބަރެއްލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އިޓަލީ ލީޑުގައި އޮވެ ކުޅެމުންދަނިކޮށް އެޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ޑިފެންޑަރު އަލްސަންޑްރޯ ބަސްޓޯނީއަށް ދެއްކި ރަތް ކާޑާއެކުގައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
އިޓަލީ އިން އެއްކުޅުންތެެރިއަކު މަދުވުމުގެ ފައިދާނަގައި ބޮސްނިއާ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ހާރިސް ތަބަކޮވިޗް އެވެ. އަދި މިލަނޑާއެކު މެޗު ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ކުޅުނު އިތުރުވަގުތުގެ 15 މިނެޓްގެ ދެހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބޮސްނިއާގެ ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، އިޓަލީ އިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ.
މިނަތީޖާއެކު ހަތަރު ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ އިޓަލީ ޖެހިޖެހިގެން ތިންވަނަ ވޯލްޑްކަޕަށް ކޮލިފައިނުވެދިޔައިރު، މިއީ 2014 ވަނަ އަހަރުގެ ފަހުން ބޮސްނިއާ ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




