
އޭޝިއަން ބީޗް ގޭމްސް: އޭޝިއާގެ ޗެމްޕިއަން އޮމާން އާއި ރާއްޖެ، އެއްގުރޫޕެއްގައި ވާދަކުރަންޖެހިއްޖެ
# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރުބީޗް ހޭންޑްބޯޅަ ގައުމީ ޓީމު ކޮމަންވެލްތް ގޭމްސްގައި ވާދަކުރަނީ.. ފޮޓޯ: ގާފު ސްޕޯޓްސް
އަންނަ މަހު ޗައިނާގެ ސަންޔާ، ހައިނާން އައިލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ 06 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ހޭންޑްބޯޅަ ޓީމު އޭޝިއާގެ ޗެމްޕިއަން އޮމާންއާއެކު އެއްގުރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

22 އެޕްރީލް 2026 އިން 30 އެޕްރީލް 2026 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ހޭންޑްބޯޅަ އޮވެންޓްގައި މިފަހަރު ޖުމްލަ 14 ޓީމު ވާދަކުރާއިރު، ގްރޫޕް އޭގައި ހިމެނެނީ، ޗައިނާ، އިރާން، ފިލިޕީންސް، ހޮންގް ކޮންގް، އިންޑިއާ، ސްރީ ލަންކާ އަދި ބަހުރޭން އެވެ.
ގްރޫޕް ބީގައި ރާއްޖޭގެ އިތުރުން ހިމެނެނީ، އޭޝިއާގެ ޗެމްޕިއަން އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް، ގަތަރު އަދި މޮންގޯލިއާ އެވެ. އަދި މިގުރޫޕްގައި ހިމެނޭ އޮމާންގެ އިތުރުން ގަތަރަކީ 2024 ވަނަ އަހަރު ޗައިނާގައި ބޭއްވުނު ފިރިހެން ބީޗް ހޭންޑްބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ދެ ޓީމެވެ. އަދި މިއަހަރު ކްރިއޭޝިއާގައި ބޭއްވި ފިރިހެން ބީޗް ހޭންޑްބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްގައި އޭޝިއާ އިން ވާދަކޮށްފައިވަނީ އޮމާން އަދި އީރާން އެވެ. އަދި މިދެޓީމަކީ މިދިޔަ އަހަރު ބޭއްވުނު އޭޝިއަން ބީޗް ހޭންްޑްބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވެސް ވާދަކުރި ދެޓީމެވެ.
ރާއްޖޭގެ ފިރިހެން ބީޗް ހޭންޑްބޯޅަ ޓީމުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، މިދިޔަ އަހަރު ކުޅުދުއްފުށި ސިޓީގައި ބޭއްވި ފުރަތަމަ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގައި ރާއްޖެ އިން ވަނީ ތިންވަނަ ހޯދާފައެވެ. އަދި މިދިޔަ އަހަރު އޮމާންގެ މަސްކަޓުގައި ބޭއްވުނު އޭޝިއަން ބީޗްހޭންޑްބޯޅަ ޗެމްޕިއަންޝިޕްގައި ވަރުގަދަ އޮމާނާ އާއި ދެކޮޅަށް ދިވެހި ޓީމުން ކުޅެފައިވާއިރު. އެމެޗުން ދިވެހި ޓީމު ބަލިވީ، 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ސެޓް 6-22 ގެ ނަތީޖާއަކުން އޮމާން ކާމިޔާބުކުރިއިރު ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ، 22-08 ގެ ނަތީޖާއަކުންނެވެ.
06 ވަނަ އޭޝިއަން ބީޗް ގޭމްސްއަކީ އެންމެ ފުރަތަމަ 2020 ވަނަ އަހަރު ބޭއްވުމަށް ތާވަލުކުރެވުނު މުބާރާތެކެވެ. އަދި މިމުބާރާތުގައި ރާއްޖެ އިން ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ބީޗް ހޭންޑްބޯލް، އެތުލެޓިކްސް، ސްވިމިން އަދި ވޮލީބޯލް އެވެ.
މި މުބާރާތުގައު ރާއްޖެ އިން ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން ބީޗް ހޭންޑްބޯލް ފިޔަވައި، ދެންހުރި ކުޅިވަރުތަކުގައި އަންހެން އަދި ފިރިހެން ގައުމީ ޓީމު ވާދަކުރާނެ އެވެ. އަދި މިފަހަރުގެ މުބާރާތުގައި ބީޗް ހޭންޑްބޯލް އިން ވާދަކުރަނީ ފިރިހެން ޓީމެވެ.
.gif&w=3840&q=75)






