logoEN
PNC TOP 3
ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެމީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް!

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެމީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް!

ޖަޒްލާ މުހައްމަދު

logo

3/21/2026, 12:20:54 PM

# ފުލުހުން# ވ. ފެލިދޫ

-

ވ.ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު 2 މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

PNC MID 2

ފުލުހުން ބުނީ ފެލިދޫ ކައިރިން ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ.

އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި އިންޑިއާއަށް ފުރާފައިވާ ކަމަށް ފުލުހުން ބުނި އެވެ. ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު އިއްޔެ ފަރުވާއަށް ރާއްޖެއިން ފުރައިގެން އިންޑިއާއަށް ގޮސްފައިވާއިރު، އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިންގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ މި ހާދިސާ ހިނގިއިރު ޖުމްލަ ހަތް މީހުން ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. އަދި މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ރަޝިޔާގެ އަންހެން މީހަކާއި އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ކަމަށް ފުލުުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC