logoEN
PNC TOP 3
ޓޮޓެންހަމް އަތުން ބަލިވި ނަމަވެސް ކުއާޓާގެ ފުރުސަތު އެތްލެޓިކޯ މެޑްރިޑަށް

ޓޮޓެންހަމް އަތުން ބަލިވި ނަމަވެސް ކުއާޓާގެ ފުރުސަތު އެތްލެޓިކޯ މެޑްރިޑަށް

ހަސަން ޝަމްއޫން

logo

3/18/2026, 11:58:55 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# އެތްލެޓިކޯ މެޑްރިޑް# ޓޮޓެންހަމް# ޔުއެފާ ޗެމްޕިއަންސްލީގު

އެތްލެޓިކޯ މެޑްރިޑާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން...

ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި ޓޮޓެންހަމް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް އެތްލެޓިކޯ މެޑްރިޑް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

PNC MID 2

މެޑްރިޑުގައި މިދެޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު 5-2 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކާމިޔާބުކޮށްފައިވާއިރު، އެޓީމު ކުއާޓާގެ ޖާގައެއް ހޯދީ 7-5 ގެ އެގްރިގޭޓް ނަތީޖާއަކުން ޓޮޓެންހަމް ބަލިކުރުމަށްފަހު އެވެ.

ލަންޑަންގެ ޓޮޓެންހަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޓޮޓެންހަމް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ރަންޑަލް ކާލޯ މުއާނީ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އެތްލެޓިކޯ މެޑްރިޑުންނެެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ޒަވީ ސިމޯންސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް ޓޮޓެންހަމްއަށް ލީޑު ހޯދައިދީފައެވެ.

އެތްލެޓިކޯ މެޑްރިޑުން ދެވަނަ ފަހަރަށް ނަތީޖާއެއްވަރުކުރި ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑޭވިޑް ހެންކޯ އެވެ. އަދި މިމެޗުން ޓޮޓެންހަމް މޮޅުވި ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޒަވީ ސިމޯންސް އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި އެތްލެޓިކޯ މެޑްރިޑުން ނުކުންނާނީ ސްޕެއިންގެ ބާސެލޯނާ އާއި ދެކޮޅަށެވެ. ބަސެލޯނާ ކުއާޓާ ފައިނަލުން ޖާގަހޯދީ ރައުންޑް އޮފް 16 ގައި 3-8 ގެ އެގްރިގޭޓް ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކުރުމަށްފަހު އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC