logoEN
PNC TOP 3
އެސްޓަން ވިލާ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފި

އެސްޓަން ވިލާ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފި

ހަސަން ޝަމްއޫން

logo

3/15/2026, 9:22:00 PM

# އެސްޓަން ވިލާ # ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# މެންޗެސްޓަރ ޔުނައިޓެޑް

މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަން ވިލާ ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ ތިންވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

PNC MID 2

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ނިއުކާސަލް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި އެސްޓަން ވިލާ އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އާއި ވާދަކޮށް 4-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެެސްޓަން ވިލާ އިންނެވެ.

މެންޗެސްޓާގެ އޯލްޑް ޓްރަފޯޑުގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ޔުނައިޓެޑުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގައި އެޓީމު ޑިއޭގޯ ޑަލޮޓްގެ އިތުރުން އަމަޑް ޑިއާލޯއަށް ވަނީ މެޗުގެ ލީޑުހޯދުމަށް ރަނގަޅު ދެ ފުރުސަތު ލިބި ބޭނުންކުރެވޭގޮތްނުވެފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސް ޔުނައިޓެޑުންނެވެ. މިލަނޑު ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ކަސަމީރޯ އެވެ. ނަމަވެސް އޭގެ 11 މިނެޓް ފަހުން އެސްޓަން ވިލާގެ އިނގިރޭސި މިޑްފީލްޑަރު ރޮސް ބާކްލޭ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑުހޯދި ލަނޑު ފަހުހާފުގެ 71 ވަނަ މިނެޓުގައި އެޓީމުގެ ބްރެޒިލް ފޯވާޑް މެތިއަސް ކުންޔާ ކާމިޔާބުކުރިއިރު، އޭގެ 10 މިނެޓް ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ފޯވާޑް ބެންޖަމިން ޝެޝްކޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުނު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 30 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 54 ޕޮއިންޓް ލިބިފައިވާއިރު. އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި އެސްޓަން ވިލާ އިން ލީގުގައި ކުޅުނު 30 މެޗުން ހޯދި 51 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC