
ފަހުވަގުތު އެވަޓަން ބަލިކޮށް އާސެނަލް އިން ލީޑު ފުޅާކޮށްފި
# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# އެވަޓަން# އާސެނަލްއާސެނަލް އާއި އެވަޓަން ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެވަޓަން އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެ އާސެނަލް އިން ތާވަލުގެ ކުރީގައި ނުވަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެެވެ.

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ބްރައިޓައިން އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި އެވަޓަން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ބާންލީ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އިންނެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ވިކްޓަރ ގްޔޮކަރޭސް އެވެ. އަދި އެޓީމުން ލީޑި ފުޅާކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު މެކްސް ޑައުމަން އެވެ.
މިއާއެކު އުމުރުން 16 އަހަރުގެ ޑައުމަން ވެގެންގޮސްފައިވަނީ ޕްރެމިއާ ލީގު ތާރީޚުގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިއާއަށެވެ. ކުރިން މިރެކޯޑް އޮތީ އެވަޓަންގެ ޖޭމްސް ވޯން އަތުގައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 31 މެޗުން އާސެނަލްއަށް 70 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އެވަޓަން އިން ލީގުގައި ކުޅުނު 30 މެޗުން ހޯދި 43 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ.
.gif&w=3840&q=75)






