.jpg&w=3840&q=75)
ބެންފީކާ އާއި ޕޯޓޯ ވާދަކުރި މެޗުގެ ތެރެއިން..
ޕޯޗުގަލް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޕޯޓޯ އާއި ދެކޮޅަށް ބެންފީކާ އިން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

ލީގުގައި ބެންފީކާ އެންމެ ފަހުން ކުޅުނު މެޗުގައި ގިލް ވިސެންޓޭ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގައި ޕޯޓޯ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން އަރޫކާ ބަލިކޮށްފައެވެ. އަދި މި ދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕޯޓޯ އިންނެވެ.
ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕޯޓޯ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ވިކްޓަރ ފްރޮހޯލްޓް އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އޮސްކާ ޕިއެޓުސްޒެވްސްކީ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޕޯޓޯ ކުރީގައި އޮވެެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބެންފީކާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަންޑްރޭސް ޝްޖެލްޑަރަޕް އެވެ.
ބެންފީކާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ލިއެންޑްރޯ ބަރޭރޯ އެވެ. މިއާއެކު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެން މެޗު ނިމުނުއިރު، މެޗުގެ 90 ވަނަ މިނެޓުގައި ބެންފީކާގެ ބެންޗުން ރެފްރީގެ ނިންމުންތަކާއި މެދު ތަކުރާރުކޮށް ހިތްހަމަނުޖެހުން ފާޅުކުރުން، މެޗުގެ ރެފްރީ ވަނީ ބެންޗުގައި އިން އެޓީމުގެ ޑިފެންޑަރު ނިކޮލަސް އިޓަމެންޑީ އަދި ކޯޗު ހޯސޭ މޮރީނިއޯއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 25 މެޗުން ޕޯޓޯއަށް 66 ޕޮއންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 25 މެޗުން ބެންފީކާއަށް 59 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.
.gif&w=3840&q=75)






