
ފަސޭހަކަމާއެކު ޓޮޓެންހަމް ބަލިކޮށް އާސެނަލް އިން ފެންވަރު ދައްކާލައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ޓޮޓެންހަމް# އިނގިރޭސި ޕްރިމިއާ ލީގު# އާސެނަލްއާސެނަލް އާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން އެޓީމު ފެންވަރު ދައްކާލައިފިއެވެ.

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ދެމެޗުގައި ބުރެންޓްފޯޑް އަދި ވުލްވްސް އާއި ވާދަކޮށް އެއްވަރުވެފައިވާއިރު، ލީގުގައި ޓޮޓެންހަމް އެންމެ ފަހުން ކުޅުނު ދެމެޗުގައި މެންޗެސްޓާ ޔުނައިޓާއި ނިއުކާސަލް ޔުނައިޓެޑާއި ވާދަކުރި ދެމެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެބަރެޗީ އެޒޭ އެވެ. ނަމަވެސް އޭގެ ދެމިނެޓް ފަހުން ޓޮޓެންހަމްގެ ރެންޑަލް ކޯލޯ މުއާނީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ވިކްޓަރ ގްޔޮކަރޭސް އެވެ.
އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި އެޒޭ ކާމިޔާބުކުރިއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ގްޔޮކަރޭސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 28 މެޗުން އާސެނަލްއަށް 61 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޓޮޓެންހަމް އިން ލީގުގައި ކުޅުނު 27 މެޗުން ހޯދި 29 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ.
.gif&w=3840&q=75)






