
އަމިއްލަ ދަނޑުގައި ބާންލީ އަތުން ޗެލްސީއަށް މޮޅެއް ނުވެވުނު
# ޗެލްސީ# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# ބާންލީޗެލްސީ އާއި ބާންލީ ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބާންލީ އާއި ދެކޮޅަށް ޗެލްސީ އިން ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ލީޑްސް ޔުނައިޓެޑް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލީގުގައި ބާންލީ އިން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ.
ޗެލްސީގެ ސްޓޭންފޯޑް ބްރިޖްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމު ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ޖޮއާއު ޕެޑްރޯ އެވެ.
މިއީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މީގެ އިތުރުން ވެސް މިހާފުގައި ޗެލްސީގެ ކޯލް ޕަލްމާގެ އިތުރުން ޖޮއާއު ޕެޑްރޯއަށް ވެސް ވަނީ އެޓީމު ލީޑު ފުޅާކުރުމަށް ރަނގަޅު ހުސް ފުރުސަތްތަކެއް ލިބިފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ޗެލްސީ އިންނެވެ. ނަމަވެސް އެޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ވެސްލީ ފޮފާނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
ޗެލްސީ އިން އެއްކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ބާންލީ އިން މެޗުގެ ނަތީޖާ އެއްވްރުކުރޫ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޒިއަން ފްލެމިންގް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވްރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 27 މެޗުން ޗެލްސީއަށް 45 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 27 މެޗުން ބާންލީއަށް 19 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ.
.gif&w=3840&q=75)




.jpg&w=3840&q=75)

