logoEN
PNC TOP 3
ފަހަތުން އަރައި ކުލަބް ބުރޫޖުން އެތްލެޓިކޯ މެޑްރިޑް މޮޅުވިޔަނުދީ ހިފަހައްޓައިފި

ފަހަތުން އަރައި ކުލަބް ބުރޫޖުން އެތްލެޓިކޯ މެޑްރިޑް މޮޅުވިޔަނުދީ ހިފަހައްޓައިފި

ހަސަން ޝަމްއޫން

logo

2/19/2026, 12:00:00 AM

# ކުލަބު ބުރޫޖް# އެތްލެޓިކޯ މެޑްރިޑް# ޔުއެފާ ޗެމްޕިއަންސްލީގު# ބޭރު ދުނިޔޭގެ ކުޅިވަރު

ކުލަބް ބުރޫޖް އާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން..

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން ދެލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި 3-3 ގެ ނަތީޖާއަކުން އެއްވަރުކޮށް ބެލްޖިއަމްގެ ކުލަބް ބުރޫޖް އިން އެތްލެޓިކޯ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

PNC MID 2

މުބާރާތުގެ ޕްލޭއޮފްގެ ޖާގައެއް އެތްލެޓިކޯ މެޑްރިޑުން ޖާގަ ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 13 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ 14 ވަނަ ޓީމުގެ ގޮތުގައެވެ. އަދި ކުލަބު ބުރޫޖް އިން ޕްލޭއޮފްގެ ޖާގައެއް ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ 19 ވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ އަށްވަނަ މިނެޓުގައި އެތްލެޓިކޯ މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ.

އެތްލެޓިކޯ މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް އަޑެމޯލާ ލުކްމަން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ކުލަބު ބުރޫޖް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ރަފައެލް އޮނިއެޑިކާ އެވެ. އަދި އޭގެ އަށް މިނެޓް ފަހުން އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ޒުވާން ފޯވާޑް ނިކޮލޯ ޓްރެސޯލްޑީ އެވެ.

އެތްލެޓިކޯ މެޑްރިޑުން ދެވަނަ ފަހަރަށް މެޗުގެ ލީޑުހޯދީ ފަހުހާފުގެ 79 ވަނަ މިނެޓުގައެވެ. މިލަނޑަކީ ކުލަބް ބުރޫޖްގެ ޒުވާން ޑިފެންޑަރު ޖޮއެލް އޯރްޑޮނޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް މެޗުގެ 89 ވަނަ މިނެޓުގައި ކުލަބު ބުރޫޖްގެ ގްރީސް ފޯވާޑް ކްރިސްޓޮސް ޓްޒޯލިސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅޭ ޕްލޭއޮފް ދެވަނަ ލެގު މެޗު އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 22:45 ގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC