logoEN
PNC TOP 3
ޖިރޯނާ އަތުން ބަލިވެ ބާސެލޯނާއަށް އެއްވަނަ މަގާމު ގެއްލިޖެ

ޖިރޯނާ އަތުން ބަލިވެ ބާސެލޯނާއަށް އެއްވަނަ މަގާމު ގެއްލިޖެ

ހަސަން ޝަމްއޫން

logo

2/16/2026, 10:04:14 PM

# ބާސެލޯނާ# ސްޕެނިޝް ލަ ލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު# ޖިރޯނާ

ބާސެލޯނާ އާއި ޖިރޯނާ ވާދަކުރި މެޗުގެ ތެރެއިން..

ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ޖިރޯނާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ ލީގު ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފިއެވެ.

PNC MID 2

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި މަޔޯކާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ޖިރޯނާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ސެވިއްޔާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގެ ލީޑުހޯދުމަށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާއަށް ޕެނަލްޓީއެއް ވެސް ވަނީ ލިބިފައެވެ.

ނަމަވެސް އެޓީމުގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ބާސެލޯނާ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު ޕައު ކުބާސީ އެވެ. ނަމަވެސް ޖެހިގެންއައި މިނެޓުގައި ޖިރޯނާގެ މިޑްފީލްޑަރު ތޯމަސް ލެމާރ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

ޖިރޯނާ އިން މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑުހޯދީ ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރ ފެރާން ބެލްޓްރަން އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖިރޯނާގެ މިޑްފިލްޑަރު ޖޮއެލް ރިކާއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.

މިނަތީޖާއެކު ލީގުގައި ޖިރޯނާ އިން ކުޅުނު 24 މެޗުން ހޯދި 29 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 12 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ބާސެލޯނާ އިން ލީގުގައި ކުޅުނު 24 މެޗުން ހޯދި 58 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC