
ރާއްޖޭގައި އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލެއް އަލަށް ތައާރަފުކޮށްފި
# އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް# ރައްޔިތުންގެ މަޖިލިސްފޮޓޯ: ރައްޔިތުންގެ މަޖިލީސް
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) މިއަދު އިފްތިތާޙުކޮށްފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށާއި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާކުރުމަށް އެޅުނު ތާރީޚީ ފިޔަވަޅެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ދެކެއެވެ.
މި ޕޯޓަލް މެދުވެރިކޮށް ޕެޓިޝަން ހުށަހެޅުން ޑިޖިޓަލް ކޮށްފައިވާއިރު، ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ލިބުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ޕޯޓަލްގައި ސޮއިކުރުމާއި، ސޮއިކުރާ ފަރާތްތަކުގެ ޞައްޙަކަން ކަށަވަރުކުރާނީ 'އީ-ފާސް' މެދުވެރިކޮށެވެ.
މި ޕޯޓަލްގެ ސަބަބުން، ޕެޓިޝަނެއް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަރޯސާވުން ކުޑަކުރެވި، ދިވެހިރާއްޖޭ ކޮންމެ ހިސާބެއްގައި ހުންނަ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު ޕެޓިޝަން ހުށަހެޅޭނެއެވެ.
އަދި، ޕެޓިޝަނަކަށް ސޮއި ލިބޭ މިންވަރަށް ބަލައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން އެޅުމަށް ލާޒިމުވާ ފިޔަވަޅުތައް މި ނިޒާމުގެ ތެރެއިން ވަނީ ތަޢާރަފުކުރެވިފައެވެ.
މި ޕޯޓަލް އިފްތިތާޙުކުރުމާއެކު، ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ޤާނޫނު ހަދާ މަޖިލީހަކުން އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމެއް ޤާއިމުކޮށްފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ ހިމެނިފައެވެ. މި ސަރަޙައްދުން މިފަދަ ނިޒާމެއް މިހާތަނަށް ޤާއިމުކޮށްފައިވަނީ ހަމައެކަނި ޕާކިސްތާނާއި ތައިލެންޑުގައެވެ.
މި ޕޯޓަލް ފަރުމާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސްއާ ގުޅިގެން، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ.
އީ-ޕެޓިޝަން ޕޯޓަލް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، "އީ-ޕެޓިޝަން ޕޯޓަލް ތަޢާރަފުކުރެވިގެން ދިއުމަކީ، ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރަށް ފުޅާކުރުމުގައި އެޅުނު މުހިންމު ފިޔަވަޅެއް" ކަމަށެވެ. އަދި މިއީ، ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށްދޭނެ މުހިންމު ވަސީލަތެއް، ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލުން
އީ-ޕެޓިޝަންގެ މި މަސައްކަތަކީ، އަންހެނުންނާއި، ޒުވާނުން އަދި މަދަނީ ޖަމްޢިއްޔާތަކާ އެކު ކުރެވުނު މަޝްވަރާތަކަކަށް ފަހު، 2023 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީ އާއި ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ސިޔާސަތު ކަރުދާހެއްގެ މައްޗަށް ބިނާކޮށް ކުރިއަށްގެންގޮސްފައިވާ މަސައްކަތެކެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ:
• ޕެޓިޝަން ހުށަހެޅުމުގެ މަރުހަލާގައި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށް، އެ ނިޒާމު ލުއިފަސޭހަކޮށްދިނުން.
• ސިޔާސަތުތައް ކަނޑައެޅުމުގައި މުޖުތަމަޢުގެ އެކި ފަންތީގެ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ފުޅާކޮށްދިނުން.
• ޕެޓިޝަންތަކަށް ޖަވާބުދާރީވާނެ ވަކި މުއްދަތުތަކެއް ކަނޑައަޅައި، ޚާއްޞަ ޕެޓިޝަންތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވޭނެ މަގު ފަހިކޮށްދީ، ހެޔޮ ބަދަލުތަކެއް ގެނައުމަށް ބާރުއެޅުން
ރައްޔިތުންގެ މަޖިލީހާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން އެކުލަވާލި ސިޔާސަތު ކަރުދާހުގެ ހުށަހެޅުންތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހިމަނައި، މިއަދުން ފެށިގެން އެ އިޞްލާޙުތަކަށް ޢަމަލުކުރަން ވަނީ ފަށާފައެވެ.
ޑިމޮކްރެސީ ހަރުދަނާކުރުމަށްޓަކައި ޑިޖިޓައިޒްކުރުން
ކުރިން ޢަމަލުކުރަމުން އައި ޕެޓިޝަން ނިޒާމާ ޚިލާފަށް، އަލަށް ތަޢާރްފްކުރެވުނު މި ޑިޖިޓަލް ނިޒާމުގެ ތެރެއިން، ޕެޓިޝަން ހުށަހެޅުމުން ފެށިގެން އެ ޕެޓިޝަނަކަށް ގޮތެއް ނިންމުމާ ހަމައަށް، މަޖިލީހުގައި އެ ޕެޓިޝަން ކުރިއަށްދިޔަ ގޮތް، ޕެޓިޝަންގައި ސޮއިކުރި ހުރިހާ ފަރާތްތަކަށް އެނގިގެންދާނެއެވެ. އަދި، ޕެޓިޝަން ހުށަހަޅާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޯނު ނުވަތަ ސްމާޓް ޑިވައިސްތައް މެދުވެރިކޮށް ޕެޓިޝަންތަކަށް ސޮއި ހޯދުމާއި އެ ޕެޓިޝަނާގުޅޭ އަދާހަމަ މަޢުލޫމާތު ވަގުތުން ބަލާލެވޭނެ މަގު ވަނީ ފަހިވެފައެވެ.
މި ބަދަލަކީ ބައިނަލްއަޤްވާމީ ދިމިޤްރާތީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް، ދައުލަތުގެ އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، އެންމެން ބައިވެރިކުރެވޭނެ ހިންގުމުގެ ނިޒާމެއް ކުރިއަރުވަން ޔޫ.އެން.ޑީ.ޕީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެވެ.
ކުރިމަގުގެ ޑިޖިޓަލް އީޖާދުތަކަށް އެޅުނު ބިންގަލެއް
ޔޫ.އެން.ޑީ.ޕީ އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އޮތް ގުޅުމުގެ ސަބަބުން، އީ-ޕެޓިޝަން ޕޯޓަލްގެ އިތުރުން، މަޖިލީހުގެ މަސައްކަތްތަކާއި އިދާރީ ހިންގުން ޒަމާނާ އެއްގޮތަށް ޑިޖިޓަލައިޒްކުރުމަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މުހިންމު ބަދަލުތަކެއް ގެނައުމަށް މަގުފަހިވެފައިވެއެވެ.
މީގެ ތެރޭގައި ހިމެނެނީ:
- ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މަސައްކަތްތަކަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައި ފަރުމާކުރުމަށް ހަމަޖެހިފައިވާ 'ޕަބްލިކް ކޮންސަލްޓޭޝަން ޕޯޓަލް'.
- މަޖިލީހުގެ މަސައްކަތްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި 'ޑިޖިޓަލް އެންޓަޕްރައިޒް' އަދި 'ޕްރޮސެސް ޕްލޭނިންގ' ޓޫލްތައް ބޭނުންކުރުމާ ގުޅޭގޮތުން ދިރާސާތައް ކުރުން
- ގެނެވޭ ބަދަލުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންގެ ކިބައިން އަންނަ ކަންތައްތަކެއް ކަން ކަށަވަރުކުރުމަށްޓަކައި، މަޖިލީހުގެ ތެރޭގައި މަޝްވަރާކުރުމުގެ ފުރުޞަތު ފުޅާކުރުން
މިއަދު ޢަމަލުކުރަން ފެށި ޕެޓިޝަން ނިޒާމަކީ، ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި ގެނެވުނު މުހިންމު ބަދަލެކެވެ. މި ނިޒާމު ވެގެންދާނީ، ރައްޔިތުންނާ ގުޅުންހުރި ސިޔާސަތުތައް ބައްޓަންކުރުމުގައި، ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖިލީހުގައި އިއްވުމަށް ލިބޭ ފުރުޞަތެއްކަމުގައެވެ.
މިއީ ސިޔާސަތު ކަނޑައެޅުމުގައި ދިވެހި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ޔޫ.އެން.ޑީ.ޕީން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަދުނާން ޗީމާ ވިދާޅުވިއެވެ.
އަދި، އީ-ޕެޓިޝަން ޕޯޓަލްގެ ސަބަބުން ރައްޔިތުންނަށް ސީދާ މަޖިލީހާ މުޢާމަލާތްކުރުމުގެ ފުރުޞަތު ލިބި، ދެފުށް ފެންނަ، އިޖާބަދޭ، އަދި ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަން
މި އީ-ޕެޓިޝަން ނިޒާމް ޤާއިމުކުރެވިފައިވަނީ، އިނގިރޭސިވިލާތުގެ ސަރުކާރުގެ ޔޫ.ކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓުގެ ދަށުން ބްރިޓިޝް ހައި ކޮމިޝަނާއި، އޮސްޓްރޭލިއާ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް (ޑީ.އެފް.އޭ.ޓީ) ގެ ދީލަތި އެހީތެރިކަމާއެކުއެވެ.
މި ދެ ފަރާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރެޓިކް ނިޒާމުތައް ހަރުދަނާކުރުމަށާއި، އެންމެންގެ ބައިވެރިކުރެވޭނެ ހިންގުމުގެ ނިޒާމެއް ގާއިމުކުރުމާއި، ޕާލިމަންޓްރީ ނިޒާމުތައް ހަރުދަނާކުރުމަށް ޒަމާނުއްސުރެ ވަކާލާތުކުރާ ފަރާތްތަކެކެވެ.
މި މަސައްކަތުގައި މައިގަނޑު އެހީތެރިއެއް ކަމުގައިވާ ބްރިޓިޝް ހައި ކޮމިޝަނުން ވަނީ ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ހިންގުމާއި ޤާނޫނީ ވެރިކަން ހަރުދަނާކުރުމަށް މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދީފައެވެ.
އިނގިރޭސިވިލާތާ އެކު އޮންނަ މި ގުޅުމުގެ ތެރެއިން، ޚާއްޞަކޮށް އަންހެނުންނާއި، ޒުވާނުން އަދި މުޖުތަމަޢުގައި އެކަހެރިވެފައިވާ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކޮށްފައިވެއެވެ. މީގެ އިތުރުން، އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތުތަކާއި، ހިންގުމާއި، ޑިޖިޓަލް ވަސީލަތްތައް ތަރައްޤީކުރުމުގައިވެސް އެ ފަރާތުން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.
އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތުތަކާއި އޮނިގަނޑު އެކުލަވައިލުމުގައި އޮސްޓްރޭލިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވެއެވެ. ޔޫ.އެން.ޑީ.ޕީ އާއި ރައްޔިތުންގެ މަޖިލީހާއެކު މި ސިޔާސަތު އެކުލަވާލުމުގައި، އޮސްޓްރޭލިއާ ސަރުކާރުން އިސްކަންދީފައިވަނީ ދެފުށް ފެންނަ، ޒިންމާދާރު، އަދި ރައްޔިތުންނަށް އިޖާބަދޭ ހިންގުމުގެ ނިޒާމެއް ޤާއިމުކުރުމަށެވެ.
މިއީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށާއި ޑިޖިޓަލް އީޖާދުތަކަށް އެހީތެރިވުމަށް އޮސްޓްރޭލިއާއިން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެކެވެ.
ގުޅުންހުރި

ރާއްޖޭގައި އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލެއް އަލަށް ތައާރަފުކޮށްފި

ޞުލްޙައިގެ އެއްބަސްވުންތަކަކީ ޤާނޫނީ އަދި ދުސްތޫރީ އޮނިގަނޑެއްގެ ތެރޭގައި ހިމެނިފައިވާ ކަންކަމަށް ވާންޖެހޭނެ - ނާޒިމް

ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް ސިޓީ ހުށަހަަޅައިފިން: ރައީސް





