logoEN
Sto top
ޞުލްޙައިގެ އެއްބަސްވުންތަކަކީ ޤާނޫނީ އަދި ދުސްތޫރީ އޮނިގަނޑެއްގެ ތެރޭގައި ހިމެނިފައިވާ ކަންކަމަށް ވާންޖެހޭނެ - ނާޒިމް

ޞުލްޙައިގެ އެއްބަސްވުންތަކަކީ ޤާނޫނީ އަދި ދުސްތޫރީ އޮނިގަނޑެއްގެ ތެރޭގައި ހިމެނިފައިވާ ކަންކަމަށް ވާންޖެހޭނެ - ނާޒިމް

އަހުމަދު ޝުރާއު

logo

2/5/2026, 6:49:09 PM

# ރައްޔިތުންގެ މަޖިލިސް

-

ފެބުރުވަރީ 3 އިން 7 އަށް ޕާކިސްތާނުގައި ކުރިއަށްދާ ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ)ގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ޢާންމު ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޡިމް ތަޤުރީރު ކުރައްވައިފިއެވެ.

Wamco

"ޞުލްޙައާއި ދީމިޤްރާޠީ އިތުބާރު: ޞުލްޙަވެރިކަން ޤާއިމުކުރުމުގެ އިންޖީނެއްގެ ގޮތުގައި ޤާނޫނުހަދާ މަޖިލިސްތައް" މި މައުޟޫޢަށް ވާހަކަފުޅުދައްކަވަމުން، ނައިބު ރައީސް އަޙްމަދު ނާޡިމް ވިދާޅުވީ، ޞުލްޙައަކީ ހަމައެކަނި ހަނގުރާމައެއް ނެތުން ނޫން ކަމަށާއި، އެއީ ހާމަކަން ބޮޑު، ހުރިހާ އެންމެން ޝާމިލުވާ، އަދި ޖަވާބުދާރީވަނިވި ވެރިކަމެއްގެ ތެރެއިން ރައްޔިތުންގެ އިތުބާރު ހޯދައިގެން ދެމެހެއްޓޭނެ ކަމެއް ކަމަށެވެ. ޚާއްޞަކޮށް ދެކުނު އޭޝިއާގެ ސަރަޙައްދުގައި، އިތުބާރު ކުޑަވުމުގެ ސަބަބުން ބައިބައިވުމާއި، ހަލަބޮލިކަމާއި، ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިވެދާނެ ކަމުގެ އިންޒާރު ދެއްވަމުން، މަޝްވަރާކުރުމާއި، ޚިޔާލުތަފާތުވުންތައް ޙައްލުކޮށް އެއްބަސްވުންތަކަށް ވާސިލުވުމުގައި ޤާނޫނުހަދާ މަޖިލިސްތަކުން އަދާކުރާ މުހިންމު ދައުރަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ދިވެހިރާއްޖޭގެ ތަޖުރިބާއަށް ބައްލަވައިލައްވަމުން، 2008 ވަނަ އަހަރު ރާއްޖެއަށް އައި ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ދީމިޤްރާޠީ ބަދަލާއެކު، ދައުލަތް ހިންގުމާއި ފާރަވެރިވުމުގެ މައި ތަނބަކަށް ރައްޔިތުންގެ މަޖިލިސް ވެގެން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި، އެންޓި ޓޯޗަރ ޤާނޫނު އަދި ޖެންޑަރ އިކުއަލިޓީ ޤާނޫނު ފަދަ މުހިންމު ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކީ، ޤާނޫނުގެ އިސްލާހީ ވެރިކަން ދަމަހައްޓައި މަދަނީ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ދީމިޤްރާޠީ އުޞޫލުތަކަކީ ތަންފީޛުކުރެވޭނެ ޙައްޤުތަކަކަށް ހަދައި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުންގެ އޮންނަ އިތުބާރު އިތުރުކުރުމަށް މަޖިލިސްތަކަށް ކުރެވިދާނެ މަސައްކަތްތަކުގެ މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި އިޖުތިމާޢީ ބަދަހިކަން ޤާއިމުކުރުމުގައި ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. އަދި، ދެމެހެއްޓެނިވި ހަމަޖެހުމެއް ކަށަވަރުކުރުމަށްޓަކައި، ޞުލްޙައިގެ އެއްބަސްވުންތަކަކީ ޤާނޫނީ އަދި ދުސްތޫރީ އޮނިގަނޑެއްގެ ތެރޭގައި ހިމެނިފައިވާ ކަންކަމަށް ވާންޖެހޭނެކަން ފާހަގަކުރެއްވިއެވެ.

ތަޤުރީރު ނިންމަވާލައްވަމުން އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވީ، ޞުލްޙައަކީ ބާރުގެ ބޭނުންކޮށްގެން މަޖުބޫރުން ކުރުވޭނެ ކަމެއް ނޫން ކަމަށާއި، ހަރުދަނާ، ހުރިހާ ފަރާތްތަކެއް ޝާމިލުވާ ދީމިޤްރާޠީ އިތުބާރު ބިނާވަނީ މެދުނުކެނޑި ކުރެވޭ އިޚުލާޞްތެރި މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ. އަދި ވަރުގަދަ، ހުރިހާ ފަރާތްތަކެއް ޝާމިލުވާ އަދި ޖަވާބުދާރީވަނިވި ޤާނޫނުހަދާ މަޖިލިސްތަކަކީ ޞުލްޙަވެރިކަމާއި ދެމެހެއްޓެނިވި ދީމިޤްރާޠީ ނިޒާމެއްގެ ބިންގާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބޭއްވުނު ރީޖަނަލް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި، ސީ.ޕީ.އޭ އޭޝިއާ ސަރަޙައްދުގެ ރިޔާސަތު (68 އިން ފެށިގެން 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސާ ހަމައަށް) ރައްޔިތުންގެ މަޖިލީހާ ރަސްމީކޮށް ވަނީ ޙަވާލުކުރެވިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC