logoEN
Sto top
ނުވަ ކުޅުންތެރިންނާއެކު މެޗު ނިންމާލި ވަޔޮކާނޯ އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް

ނުވަ ކުޅުންތެރިންނާއެކު މެޗު ނިންމާލި ވަޔޮކާނޯ އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

2/2/2026, 4:13:52 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ސްޕެނިޝް ލަ ލީގާ# ރަޔޯ ވަޔޮކާނޯ # ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑާއި ވަޔޮކާނޯ ވާދަކުރި މެޗުގެ ތެރެއިން .

ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔޮކާނޯ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން އެއްވަނާގައި އޮތް ބާސެލޯނާ އާއި ދެމެދުގައިވާ ފަރަގު އެއްޕޮއިންޓަށް ކުޑަކޮށްފިއެވެ.

Wamco

ލީގުގައި ރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި ވިލަރެއާލް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ވަޔޮކާނޯ އެންމެ ފަހުން ކުޅުނު މެޗުގައި އޮސަސޫނާ އަތުން އެޓީމު ވަނީ 3-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތިޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ވަޔޮކާނޯ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޑެ ފުރުޓޯސް އެވެ.

ނަމަވެސް އެޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި އެޓީމުގެ ޕާތް ސިސް ރެއާލްގެ ސަބެއްލޯއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އަދި ރެއާލް މިމެޗުން މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.

މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 21 މެޗުގައި އެމްބާޕޭ ކާމިޔާބުކުރި 22 ވަނަ ލަނޑެވެ. އަދި މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ވަޔޮކާނޯގެ ޑިފެންޑަރު ޕެޕް ޗަވަރީރާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައިވާއިރު، އެޓީމުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކުގައެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 22 މެޗުން ރެއާލް މެޑްރިޑަށް 54 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ރަޔޯ ވަޔޮކާނޯ އިން ލީގުގައި ކުޅުނު 22 މެޗުން ހޯދި 22 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC