logoEN
Sto top
އެލްޗޭ އަތުން ހޯދި މޮޅާއެކު ބާސެލޯނާއަށް ހަތަރު ޕޮއިންޓްގެ ލީޑެއް

އެލްޗޭ އަތުން ހޯދި މޮޅާއެކު ބާސެލޯނާއަށް ހަތަރު ޕޮއިންޓްގެ ލީޑެއް

ހަސަން ޝަމްއޫން

logo

1/31/2026, 11:28:08 PM

# ސްޕެނިޝް ލަ ލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު# ބާސެލޯނާ# އެލްޗޭ

ލަމީން ޔަމާލް

ސްޕެނިޝް ލަލީގައި މިރޭ ރަށުން ބޭރުގައި ފަސޭހަކަމާއެކު 3-1 ގެ ނަތީޖާއަކުން އެލްޗޭ ބަލިކޮށް ބާސެލޯނާ އިން ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅަކޮށްފިއެވެ.

Wamco

މިނަތީޖާއެކު ލީގުގައި ކުޅުނު 22 މެޗުން ބާސެލޯނާއަށް 55 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 21 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި އެލްޗޭ އިން ލީގުގައި ކުޅުނު 22 މެޗުން ލިބުނު 24 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 12 ވަނައިގައެވެ.

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ރެއާލް އޮވިއޭޑޯ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި އެލްޗޭ އިން އެންމެ ފަހުން ކުޅުނު މެޗުގައި ސެވިއްޔާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފެށިގެން ހަވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ.

ނަމަވެސް މި ހާފުގައި އެލްޗޭ އިން ބާސެލޯނާގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއޭ ފޯވާޑް އަލްވާރޯ ރޮޑްރިގޭޒް އެވެ.

ބާސެލޯނާ އިން ދެވަނަ ފަހަރަށް ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC