logoEN
Sto top
އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

1/31/2026, 11:06:20 PM

# ނިއުކާސަލް ޔުނައިޓެޑް # ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# ލިވަޕޫލް

ލިވަޕޫލާއި ނިއުކާސަލް ވާދަކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ޗެމްޕިއަން ލިވަޕޫލުން ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތު އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ނިއުކާސަލް ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓަން ވިލާ އަތުން އެޓީމު ވަނީ 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލުންނެވެ.

ލިވަޕޫލްގެ އަންފީލްޑްގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ނިއުކާސަލް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެންތަނީ ގޯޑެން އެވެ. އަދި ލިވަޕޫލުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ފޯވާޑް ހޫގޯ އެކިޓިކޭ ކާމިޔާބުކުރިއިރު، އޭގެ ދެމިނެޓްފަހުން އެކިޓިކޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ލިވަޕޫލުން އެޓީމު އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ލިވަޕޫލުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި މިޑްފިލްޑަރު ފްލޮރިއަން ވްރިޓްޒް ކާމިޔާބުކުރިއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 24 މެޗުން ލިވަޕޫލަށް 39 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި ނިއުކާސަލް ޔުނައިޓެޑުން ލީގުގައި ކުޅުނު 24 މެޗުން ލިބުނު 33 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC