
-
ތިނަދޫ ސިޓީއަކީ މިހާރު ރާއްޖޭގެ ތަރައްޤީއާއި އިގްތިސޯދީ ހަބަކަށް ވެފައި އޮންނަން ޖެހޭނެ ސިޓީއެއް ކަމަށާއި އެކަން ކުރެވޭނެ ވެރިއަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

ފަލާހް މިފަދައިން ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ތިނަދޫ ސިޓީއިން ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ އެސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަލާހް ވިދާޅުވީ ތިނަދޫ ސިޓީޢާއިމެދު ރައީސް މުއިއްޒު ކުރައްވަނީ ފޮނި އުންމީދުތަކެއް ކަމަށާއި އެމަނިކުފާނުގެ ބޭނުންފުޅުވާ ބާރު ސްޕީޑުގައި އެސިޓީއަށް ތަރައްޤީ ގެނައުމަށްޓަކައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް އެހީވެދޭނެ ކައުންސިލެއް މުހިންމުކަމަށާއި އެކަމަށް އެންމެ ގާބިލު ޓީމަކީ މިހާރު ޕީއެންސީގެ ޓިކެޓުގައި ތިނަދޫ ސިޓީގެ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުކަމަށް ނުކުމެ ތިބި ކެނޑިޑޭޓުން ކަމަށެވެ. އެހެންކަމުން ތިނަދޫގެ ރައްޔިތުން ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޭޔަރަށާއި ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާއާއި މެމްބަރުން ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން ހޮއްވަވައިދެއްވުމަށް ފަލާހް ވަނީ ތިނަދޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ފަލާހްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުއަކީ ތަރައްޤީގެ އާ އުސްމިންތަކަކަށް ރާއްޖޭގެ ސިޓީތައް ގެންދިޔުމުގެ ތަސައްވުރެއް އޮތް ބޭފުޅެއް ކަމަށެވެ. މިހާރު ތިނަދޫ ސިޓީއަކީ ތަރައްޤީގެ ގޮތުންނާއި އިގްތިސޯދީ ގޮތުންވެސް ހަބަކަށް ވެފައި އޮންނަންޖެހޭ ސިޓީއެއްކަން ފާހަގަކުރައްވައި ފަލާހް ވިދާޅުވީ އެމަސައްކަތް ތިނަދޫގެ ރައްޔިތުންނަށް ކޮށްދެވޭނެ ވެރިއަކީ ރައީސް މުއިއްޒު ކަމަށެވެ.
ތިނަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ޒަމާންވީ މައްސަލަތަކަށް ހައްލު ހޯދުމަށް މިވަގުތަކީ އެންމެ ރަނގަޅު ވަގުތުކަމަށާއި އެމައްސަލަތަކަށް ހައްލު ލިބެން ފަސޭހަވެގެންދާނީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ކެނޑިޑެޓޫން ތިނަދޫ ސިޓީ ކައުންސިލަށް އިންތިހާބު ވެގެންކަމަށް ފަލާހު ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ވާދަވެރިކަން އުފައްދަންވީ ވަގުތު ނޫން ކަމަށާއި މިއީ ރަށަށް އެންމެ ފަހިގޮތް ހޯދުމަށްތަކައި ހުރިހާ ރައްޔިތުންވެސް މަސައްކަތްކުރަންވީ ވަގުތުތަކަމަށް ފަލާހުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.
ގުޅުންހުރި

ތިނަދޫއަކީ އިގްތިސޯދީ ހަބަކަށް ހަދައިދެވޭނެ ވެރިއަކީ ރައީސް މުއިއްޒު - ފަލާހް

ފޭބި ސަރުކާރަކުން ވީ ވައުދެއް ފުއްދެވި ހަމައެކަނި ރައީސްއަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ: ފަލާހް

ކައުންސިލް އިންތިހާބަށް ޕީއެންސީގެ ކެމްޕެއިން މެނޭޖަރުކަން ފަލާހުއަށް!





