ޒުވާން ގައުމީ ޓީމުގެ ސިލެކްޝަން ކުރިއަށްދަނީ.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން
މިއަހަރު މާޗް މަހު ރާއްޖޭގެ ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ޒުވާން ގައުމީ ޓީމު އެކުލަވާލުމުގެ މަސައްކަތް އެފްއޭއެމް އިން މިއަދު ފަށައިފިއެވެ.

އެގޮތުން މާލޭ ސަރަހައްދަށް އަމާޒުކޮށްގެން މިއަދު ހަވީރު ގަލޮޅު ދަނޑުގައި އޯޕަންޑޭ ސިލެކްޝަން ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، މިސެޝަނުގައި 150 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ އަހުމަދު ޒަރީރް ގާފު ސްޕޯޓްސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިއަދު ކުރިއަށް ގެންދިޔަ އޯޕަންޑޭ ސިލެކްޝަން ސެޝަނަކީ ސާފް ޗެމްޕިއަންޝިޕަށް ވަރުގަދަ ސްކޮޑެއް އެކުލަވާލުމަށް އެފްއޭއެމް އިން ކުރަމުން އަންނަ މަސައްކަތުގެ ފެށުމެއްކަމަށެވެ.
" ދިވެހި ޕްރެމިއާ ލީގާއި ޕްރެޒިޑެންޓް ކަޕްގެ ކުޅުން ނިމުމުން ޒުވާން ގައުމީ ޓީމުގެ ޕްރެކްޓިސް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ، އަދި އޭގެ ކުރިން ރާއްޖޭގެ ބޮޑެތި އާބާދީތައް އޮތް ސަރަހައްދުތަކުގައި ޒުވާން ޓީމުގެ ޓްރިއަލް ބޭއްވުމުގެ ވިސްނުވެސް ކޯޗުގެ އެބަހުރި".. މިހާރު ވެސް އަތޮޅު ތެރޭގައި ތިބި ކޯޗުންނާއި ވާހަކަ ދެކެވެމުންދަނީ އެފްއޭއެމްގެ ޓެކްނިކަލް ޓީމާއި ޒަރީރު ވިދާޅުވިއެވެ.
ޒުވާން ގައުމީ ޓީމުގެ ފަރިތަކުރުންތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސީނިއާ ގައުމީ ޓީމުގެ ހެޓް ކޯޗް އިސްވާން އުރުބާނީގެ އިރުޝާދުގެ ދަށުނެވެ. އަދި މާޗު މަހު ފަހުކޮޅު ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ 30 ކުޅުންތެރިންގެ ސްކޮޑަކާއެކުގައެވެ. އަދި މުބާރާތުގެ ކުރިން މިއަދަދު 23 އަށް މަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދެކުނު އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވަން ތައްޔާރު ވަމުން އަންނަ އިރު، މި މުބާރާތުގައި ރާއްޖެ ލައްވާލީ ނޭޕާލާއި ބޫޓާން އަދި ސްރީ ލަންކާއާ އެކު ގުރޫޕް އޭގަ އެވެ.
ސާފްގެ ހަތް ގައުމު ވާދަކުރާ މިމުބާރާތުގެ ގުރޫޕް ބީގައި ހިމެނެނީ ބަންގްލަދޭޝްގެ އިތުރުން އިންޑިއާ އަދި ޕާކިސްތާނެވެ.








