
ރަށުން ބޭރުގައި ވިލަރެއާލް ބަލިކޮށް ރެއާލް ވަގުތީގޮތުން އެއްވަނައަށް
# ވިލަރެއާލް # ބޭރު ދުނިޔޭގެ ކުޅިވަރު# ސްޕެނިޝް ލަ ލީގާ# ރެއާލް މެޑްރިޑްރެއާލް މެޑްރިޑާއި ވިލަރެއާލް ވާދަކުރި މެޗުގެ ތެރެއިން .
ސްޕެނިޝް ލަލީގާގައި މިރޭ ވިލަރެއާލް އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވަގުތީ ގޮތުން ރެއާލް މެޑްރިޑް ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ލެވާންޓޭ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ވިލަރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި ރެއާލް ބެޓިސް އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.
ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ރެއާލް މެޑްރިޑްގެ ދެލަނޑު ވެސް މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އެޓީމު ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.
އެގޮތުން ރެއާލްގެ ފުރަތަމަ ލަނޑު ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބުކުރިއިރު، އެޓީމުގެ ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އަދި މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 20 މެޗުގައި އެމްބާޕޭ ކާމިޔާބުކުރި 21 ވަނަ ލަނޑެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 21 މެޗުން ރެއާލް މެޑްރިޑަށް 51 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބާސެލޯނާއަށްވުރެ އިތުރަށް އެޓީމުން ވަނީ އެއްމެޗު ކުޅެފައެވެ. އަދި މާދަމާ ރޭ އަމިއްލަ ދަނޑުގައި ރެއާލް އޮވިއެޑޯ އާއި ދެކޮޅަށް ކުޅޭ މެޗުން ބާސެލޯނާ މޮޅުވެއްޖެނަމަ ތާވަލުގެ ކުރި އެޓީމަށް އަލުން ލިބޭނެއެވެ. އަދި މިމެޗުން ބަލިވި ވިލަރެއާލް އިން ލީގުގައި ކުޅުނު 20 މެޗުން ހޯދި 41 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.







