
-
މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ފަސް ދައުވާއެއް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މައުމޫންގެ މައްޗަށް ދައުލަތުން ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ 7 ދައުވާއެއް އުފުލާފައިއެވެ. މި ދައުވާތަކުގެ ތެރެއިން 2 ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެ 12 އަހަރާއި ނުވަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވައިފަ އެވެ.
ނަމަވެސް ބާކީ ފަސް ދައުވާއާ މެދު ގޮތެއް ނިންމަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އެ ދައުވާތަކުގެ ރުކުންތައް މައުމޫންގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
އޭނާގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާކޮށްފައި ވަނީ ގޭހުގެ އެމްޑީގެ މަގާމުގައި ހުންނެވި އިރު، އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3.1 މިލިއަން ރުފިޔާ ނެގި ކަމަށް ތުހުމަތުވާ މައްސަލައެއްގަ އެވެ.
އެ މައްސަލައިގައި މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.
މީގެ ކުރީން އޭނާގެ މައްޗަށް ސާބިތުވެ ޖަލު ހުކުމް އިއްވި ދެ ދައުވާ އިސްތިއުނާފްކުރަން މިދިޔަ ޑިސެމްބަރު މަހު ވަނީ ހައިކޯޓަށް ހުށަހަޅާފައި އެވެ.
ގުޅުންހުރި

މައުމޫންގެ މައްޗަށް އުފުލި ރިޝްވަތުގެ ފަސް ދައުވާއެއް ސާބިތުނުވި!

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫނަށް ރިޝްވަތުގެ ދެ ދައުވާ ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް!

މޯލްޑިވް ގޭހުން 45 ކިލޯގެ ސިލިންޑަރުތައް ރީފިލް ކުރާ އަގު ހެޔޮކޮށްފި





