
ސްލާވިއާ ޕްރާގް އަތުން ބާސެލޯނާ މޮޅުވިއިރު، ލެވަންޑޮސްކީ ދެޓީމަށް ވެސް ލަނޑުޖަހައިދިން
# ސްލާވިއާ ޕްރާގް# ޔުއެފާ ޗެމްޕިއަންސްލީގު# ބާސެލޯނާ# ބޭރު ދުނިޔޭގެ ކުޅިވަރުސްލާވިއާ ޕްރާގް އާއި ބާސެލޯނާ ވާދަކުރި މެޗުގެ ތެރެއިން..
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޗްކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގް އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-2 ގެ ނަތީޖާއަކުން ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ޖަރުމަނުގެ ފްރެންކްފާޓް އަތުން އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު. މިމުބާރާތުގައި ސްލާވިއާ ޕްރާގް އެންމެ ފަހުން ކުޅުނު މެޗުގައި ޓޮޓެންހަމް އަތުން ރަށުން ބޭރުގައި އެޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސްލާވިއާ ޕްރާގް އިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ވަސިލް ކުސޭޖް އެވެ.
ބާސެލޯނާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި މިޑްފިލްޑަރު ފަރމިން ލޮޕޭޒް ކާމިޔާބުކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ފަރމިން ލޮޕޭޒް އެވެ. ނަމަވެސް އޭގެ ދެމިނެޓްފަހު ލެވަންޑޮސްކީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި ދެވަނަ ފަހަރަށް އެޓީމުން ލީޑުހޯދި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ޑެނީ އޮލްމޯ ކާމިޔާބުކުރިއިރު އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖްރިބާކާރު ފޯވާޑް ރޮބަޓް ލެވޮންޑަސްކީ އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތް މެޗުން ބާސެލޯނާއަށް 13 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ. އަދި މިމެޗުން ބަލިވި ސްލާވިއާ ޕްރާގް އިން ލީގުބުރުގައި ކުޅުނު ހަތް މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 34 ވަނައިގައެވެ.
ގުޅުންހުރި

ސްލާވިއާ ޕްރާގް އަތުން ބާސެލޯނާ މޮޅުވިއިރު، ލެވަންޑޮސްކީ ދެޓީމަށް ވެސް ލަނޑުޖަހައިދިން

ރަށުން ބޭރުގައި މާސޭ އަތުން މޮޅުވެ ލިވަޕޫލް ހަތަރުވަނައަށް

ޕަފޯސް އަތުން ހަނިގޮތަކަށް މޮޅުވެ ޗެލްސީ އިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި





