logoEN
Sto top
ރަށުން ބޭރުގައި މާސޭ އަތުން މޮޅުވެ ލިވަޕޫލް ހަތަރުވަނައަށް

ރަށުން ބޭރުގައި މާސޭ އަތުން މޮޅުވެ ލިވަޕޫލް ހަތަރުވަނައަށް

ހަސަން ޝަމްއޫން

logo

1/21/2026, 10:15:52 PM

# ލިވަޕޫލް# މާސޭ# ޔުއެފާ ޗެމްޕިއަންސްލީގު# ބޭރު ދުނިޔޭގެ ކުޅިވަރު

ލިވަޕޫލް އާއި މާސޭ ވާދަކުރި މެޗުގެ ތެރެއިން..

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ފްރާންސްގެ މާސޭ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލުން ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި އިޓަލީގެ އިންޓަ މިލާން އަތުން ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މިމުބާރާތުގައި މާސޭ އެންމެ ފަހުން ކުޅުނު މެޗުގައި ބެލްޖިއަމްގެ ރޯޔަލް ޔުނިއަން އަތުން ރަށުން ބޭރުގައި އެޓީމު މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މާސޭ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި އެޓީމަށް ލިވަޕޫލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ނަމަވެސް މިހާފުގައި ކައުންޓާ އެޓޭކުތަކުގައި ލިވަޕޫލުން މާސޭގެ ގޯލަށް ނުރައްކާކުރިއިރު، އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޑޮމެނިކް ސޮބޮސްޒްލާއި އެވެ.

ދެވަނަ ހާފުގައި ލިވަޕޫލުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި މާސޭގެ ކީޕަރު ޖެރަނީމޯ ރުއިލް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ލިވަޕޫލުން ލީޑު ފުޅާކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ކޯޑީ ގައްޕޯ އެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތް މެޗުން ލިވަޕޫލަށް 15 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި މާސޭ އިން ލީގުބުރުގައި ކުޅުނު ހަތް މެޗުން ހޯދި ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC