
އެފްރިކާ ކާޕް އޮފް ނޭޝަން، ސެނަގާލް އިން ދެވަނަ ފަހަރަށް ކާމިޔާބުކޮށްފި
# އެފްރިކާ ކަޕް އޮފް ނޭޝަން# ބޭރު ދުނިޔޭގެ ކުޅިވަރުސެނަގާލް ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު
މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންގެ ފައިނަލުގައި މިރޭ ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން މޮރޮކޯ ބަލިކޮށް ސެނަގާލް އިން މުބާރާތުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ސެނަގާލް ޖާގަހޯދީ ސެމީފައިނަލުގައި 1-0 ގެ ނަތީޖާއަކުން މިސްރު ބަލިކުރުމަށްފަހު އެވެ. އަދި މުބާރާތް ބާއްވާ ގައުމު މޮރޮކޯ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގައި ނައިޖީރިއާ 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ 90 މިނެޓު ކުޅުން ނިމުނުއިރު، ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި މެޗުން މޮޅުވުމަށް މޮރޮކޯއަށް ވަނީ ޕެނަލްޓީއެއް ލިބި ބޭނުންހިފޭގޮތް ނުވެފައެވެ.
މޮރޮކޯގެ ފޯވާޑް ބްރަހީމް ޑިއާޒް ކުރިއަށް ފޮނުވާލި ޕެނަލްޓީ ސެނަގާލްގެ ކީޕަރު އެޑްއާޑޯ މެންޑީ ދިފާއުކުރިއިރު، މިމެޗުން ސެނަގާލް މޮޅުވި ލަނޑު އިތުރުވަގުތުގެ 15 މިނެޓުގެ ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޕަޕޭ ގޭއިއެވެ. އަދި މިއީ ސެނަގާލް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ.
މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ޕެނަލްޓީ ޖަހައިގެން މިސްރު ބަލިކޮށް ނައިޖީރިއާ އިން ތިންވަނަ ހޯދިއިރު، އެންމެ ގިނަ ލަނޑުޖެހީ މޮރޮކޯގެ ބްރަހީމް ޑިއާޒް އެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސެނަގޯލް ކެޕްޓަން ސަޑިއޯ މާނޭ އެވެ. އެންމެ މޮޅު ކީޕަރަކީ މޮރޮކޯގެ ޔާސިން ބޯނޯ އެވެ. ފެއާޕްލޭ ޓީމަކީ މޮރޮކޯ އެވެ.







