
ރޯދަމަހަށް ދިވެހި ދަނޑުވެރިންގެ ވަގުތީ މާރުކޭޓެއް މާލެ ސަރަހައްދުގައި ގާއިމްކުރަނީ
# ދަނޑުވެރިކަމާއި ބެހޭ ވުޒާރާ-
އަންނަ ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ހަމަ އަގުގައި ވިއްކާނެ ވަގުތީ މާރުކޭޓެއް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއި ގާއިމު ކުރުމުގެ ތައްޔާރީތައް ފަށައިފިއެވެ.

އެވުޒާރާއިން މިއަދު ބުނީ މި މާރުކޭޓް ތައްޔާރު ކުރަނީ ކަމާއި ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއި، އެއްބާރުލުމާއި އެކުގައި ކަމަށެވެ.
މި މާރުކޭޓާއި ގުޅޭގޮތުން ރަށްރަށުގެ ކައުންސިލްތަކަށް އެވުޒާރާއިން ފޮނުވި ސާކިއުލާއެއްގައި ބުނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެވޭ މަހެއް ކަމަށާއި މިގޮތުން ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމުގެ މަޤްސަދުގައި އެވުޒާރާއިން ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
މިއާއިއެކު ރަމަޟާން މަހަށް ޚާއްސަކޮށްގެން ދަނޑުވެރިން އުފައްދާފައިވާ ތަކެތި ވިއްކުމަށްޓަކައި ވަގުތީ މާރުކޭޓެއް މާލެ ސަރަޙައްދުގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް އެވުޒާރާއިން ބުނީ މި މާރުކޭޓަކީ ރޯދަ މަހަށް އުފައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެކެއް ކަމަށެވެ.
އަތޮޅުތަކުގެ ދަނޑުވެރި ރަށްރަށުން ދަނޑުވެރި އުފެއްދުންތައް މި މާރުކޭޓުގައި ވިއްކުމުގެ ފުރުޞަތު ވުޒާރާއިން ހުޅުވާލާފައިވާއިރު މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުޤުވެރިކަން ހުރި ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގެ ދަނޑުވެރިންނާ ގުޅިގެން ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލާފައި އެވެ. ފޯމު ފުރިހަމަކުރައްވާއިރު، ވޭތުވެދިޔަ ރަމަޟާންމަހު (2025) އެރަށަކުން ބޭރުކުރެވުނު މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި 2026 ވަނަ އަހަރު މިމާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު އިނގޭނޭ ގޮތަށް ހުށަހެޅުއްވުމަށް ވަނީ އެދިފައި އެވެ.
މިކަމަށް ޝައުޤުވެރިކަން ހުރި ކައުންސިލްތަކުން ފޯމު ހުށަހަޅުއްވާނީ 29 ޖެނުއަރީ 2026 ގެ އޮފީސް ބަންދުވުމުގެ ކުރިން [email protected] އީމެއިލް އިން ހުށަހެޅުމަށް ވުޒާރާއިން އެދެއެވެ.
ގުޅުންހުރި

ރޯދަމަހަށް ދިވެހި ދަނޑުވެރިންގެ ވަގުތީ މާރުކޭޓެއް މާލެ ސަރަހައްދުގައި ގާއިމްކުރަނީ

އެމްގެޕް ސްޓޭންޑަރޑަށް ދަނޑުވެރިން އަހުލުވެރި ކުރުމަށް ވޯކްޝޮޕެއް ބާއްވަނީ

ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ތަނެއް ގާއިމް ކުރަނީ





