
ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ތަނެއް ގާއިމް ކުރަނީ
# ދަނޑުވެރިކަމާއި ބެހޭ ވުޒާރާ-
ހދ. ނޮޅިވަރަމުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް، ތަނެއް ގާއިމު ކުރުމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އާއިއެކު ނޮޅިވަރަމް ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ނޮޅިވަރަމަކީ ދަނޑުވެރިކަން ފުޅާދާއިރާއެއްގައި ކުރާ ރަށަކަށްވުމާއި އެކު އެރަށުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ފަސެހައިން ގަންނަން ލިބޭނެ އިންތިޒާމް ގާއިމު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން ހިމެނޭކަމެކެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހދ. އަތޮޅުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް، ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހދ. ނޮޅިވަރަމް ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
މިގޮތުން އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ، ވަޒީރު ޑރ. މަރްޔަމް މާރިޔާ އެވެ. އަދި ނޮޅިވަރަމް ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ އެވެ.
މި އެއްބަސްވުމުގެ ދަށުން ހދ. ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާތަކެތި ވިއްކުމަށް ކައުންސިލްގެ ފަރާތުން ދައްކާބިމުގައި ފިހާރައެއް ހުޅުވުމަށް މިނިސްޓްރީގެ ފަރާތުން ބަޔަކު ހޯދައި، އެގްރީމަންޓް ހެދި އެމަސައްކަތް ފަށާނެއެވެ. ވިއްކާތަކެއްޗަކީ ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ އޮންނަ ތަކެތިތޯ ބެލުމާއި އެކު ދަނޑުވެރިންނަށް ރަނގަޅު އަގެއްގައި ދަނޑުވެރިކަމުގެ ސާމާނު ވިއްކާތޯ ބަލައި މޮނިޓަރ ކުރާނެއެވެ. އަދި މި މަސައްކަތް ވޯކް ޕްލޭންނާއި އެއްގޮތަށް ކުރިއަށް ދޭތޯބަލައި މޮނީޓަރ ކުރާނީ ނޮޅިވަރަމް ކައުންސިލުންނެވެ.
ގުޅުންހުރި

ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ތަނެއް ގާއިމް ކުރަނީ

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް ލީޑް ފާމަރުން ތަމްރީންކުރަނީ

މަޝްރޫޢުތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޝާމިލް ކުރުމުން އިތުރު ފުރިހަމަކަމެއް ލިބޭނެ - މާރިޔާ
